ބަލާ ބެލުމަށް މިއީ ބިރުވެރި ފިލްމެއްގެ މަންޒަރެއްހެން ހީވެދާނެ އެވެ. އެހެން ނަމަވެސް އެއީ މުޅިން ރަނގަޅު ހީއެއް ނޫނެވެ. މިއީ އިންސާނުންގެ ލޮލަށް ކިރިޔާ ފެންނަވަރަށް ޚަލްގު ކުރައްވާފައިވާ ހިންޏެއްގެ މޫނެވެ.
މިއީ ނިކޯންއިން އިންތިޒާމް ކޮށްގެން ބާއްވާ ސްމޯލް ވޯލްޑް މައިކްރޮގްރަފީ ފޮޓޯ މުބާރާތަށް ލިތުއޭނިއާގެ ފޮޓޯގްރާފަރެއް ކަމަށްވާ އިއުޖެނިޖަސް ކަވަލިއުއަސްކަސް ހުށައަޅާފައިވާ ފޮޓޯ އެކެވެ.
މައިކްރޯސްކޯޕް ބޭނުންކޮށްގެން ނަގާ ފޮޓޯތަކަށް ހާއްސަކޮށްގެން ބާއްވާ މި މިބާރާތުގައި އާއްމުވި މި ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފަ އެވެ.
މި ފޮޓޯގައި ހިންޏެއްގެ މޫނު މައިކްރޯސްކޯޕުން ފަސްގުނަ އިތުރަށް ބޮޑުކޮށް އޭތީގެ މޫނުގެ ސިފަތައް ވަރަށް ސާފުކޮށް ފެނެ އެވެ. މިއީ މިހާ ސާފުކޮށް މިފަދަ ފޮޓޯއެއް އާއްމުވި ފުރަތަމަ ފަހަރެވެ.
ރަތް ލޮލަކާއެކު ރުޅި އައިސްފައިވާ މޫނެއްހެން ސިފަވާ ހިންޏެއްގެ މޫނުގެ މި ފޮޓޯއާއެކު ސައިންސްވެރިންނަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ އެވެ.
ކަވަލިއުއަސްކަސްގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް އޭނާއަށް މުބާރާތުން އެއްވަނަ ލިިބިފައެއް ނުވެ އެވެ. އެ އިނާމު ލިބުނީ ސްވިޑަންގެ ފޮޓޯގްރާފަރަކަށެވެ.