ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިބިލު މަޖިލީހަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.
ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވިއިރު ބިލުގެ ބަހުސް މަރުހަލާ މިފެށޭ ހަފްތާގައި ކުރިއަށް ގެންދާނެ އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މި ބިލު އެކުލަވާލާފައި ވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މި ބިލުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މި އިސްލާހުގައި ތަފްސީލްކޮށްދީފައި ވެއެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއްގައި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއާއި ގުޅޭ ޝަރީއަތުގައި ނޫސްވެރިއަކަށް މައުލޫމާތު ދިން މީހަކީ ކާކުކަން އަންގައިދޭ މައުލޫމާތެއް ހާމަ ކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައި ވާނަމަ އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕީޖީ އަށް ކޯޓަށް ހުށަހެޅިދާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މިފަދަ މައުލޫމާތެއް ނޫސްވެރިޔާ ނުވަތަ ނޫސްވެރިޔާ މަސައްކަތްކުރާ ތަނުން ހޯދުމަށް ބޭނުންވާ ހެކިވެސް ކޯޓަށް ހުށަހަޅަންޖެހެ އެވެ. މިފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި މައްސަލާގައި ގޮތެއް ނިންމަންޖެހެ އެވެ.
މި އިސްލާހުގައި ޓެރެރިޒަމްގެ ކުށްކަމަށް ބުނެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތަކަށެވެ.