ޕީއެސްއެމްގެ ނިއުސްރޫމްގެ ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، 7 މީހަކު ކަރަންޓީނަށް ދިއުމުން ނިއުސްރޫމަށް ބޮޑު ފަޅު ކަމެއް ކުރިމަތިވެފައިވާ ކަމަށް ބުނެފި އެވެ.

ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ހިންގާ ޕަބްލިކް ސާވިސް މީޑިއާގެ ނިއުސްރޫމްގެ ނުވަ މީހަކު ގޭގައި ކަރަންޓީންވާން ޖެހުމުން މިހާރު މަސައްކަތްކުރަނީ ތިން ޖާނަލިސްޓެކެވެ.

ޕީއެސްއެމް ނިއުސް ވެބްސައިޓްގައި ބުނެފައި ވަނީ އެތަނުގެ ނޫސްވެރިން މަސައްކަތް ކުރަނީ ހަމަ ކޮންމެ ވަގުތަކުވެސް މި ނުރައްކާ (ކޮވިޑް-19) އެ މީހުންނާ ހަމައަށް އަތުވެދާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ޕީއެސްއެމް ނިއުސްރޫމްގެ ދެ މުއައްޒަފަކު ޕޮސިޓިވްވެ ހަތް މުޢައްޒަފަކު ވަނީ މިވަގުތު އެކަހެރިކޮށްފައި. މިއާއެކު ތިން ހަތަރު ޖާނަލިސްޓަކު ފިޔަވައި އެހެން އެންމެން މިވަގުތު ތީބީ ގޭގައާއި ކަރަންޓީނުގައި. އެހެންކަމުން ޚަބަރު ހުށަހެޅުމާއި އެކިއެކި އިވެންޓުތައް ކަވަރުކުރުމާއި ލައިވް ޕްރޮގްރާމްތައް ހުށަހެޅުމުގައި 24ގަޑިއިރު ޙަރަކާތްތެރިވަމުންދަނީ މި މަދު މުވައްޒަފުން،" ޕީއެސްއެމް އިން ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން މަހަކަށްވުރެ ގިނަދުވަހު ސްޓޭޝަންގައި ފުރަބަންދުގައި ބައެއް މުވައްޒަފުން ތިބިއިރު އެ މީހުންގެ މަސައްކަތުގައި ބައިވެރިވެ، ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް މުވައްޒަފުން ގޭގައި ތިބެގެން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިއީ މީގެކުރިން ނިއުސްޓީމުން ކޮށްފައިނުވާ އާ ތަޖުރިބާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ފުރަބަންދުގައި މި ނިއުސްރޫމަކީ އަޅުގަނޑުމެންގެ ގެ. ބަދިގެ. މިސްކިތް. ދިރިއުޅުމުގެ ހުރިހާކަމެއް އަޅުގަނޑުމެން ކުރީ މިތަނުގައި،" ޕީއެސްއެމް އިން ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ ލޮކްޑައުންއަށްފަހު ލިބުނު ލުއިތަކާއެކު ދެ ޝިފްޓަކަށް ބަހާލައިގެން ގައިދުރުކަމާއެކު މަސައްކަތް ފެށީ އައު ހިތްވަރަކާއެކު ކަމަށެވެ. ގޭގައި ތިވެގެން މަސައްކަތްކުރަން ޖެހޭ ފަދަ ހާލަތުގައި ތިބި މީހުން ތިބީ މިހާތަނަށް ވެސް ގޭގައި ކަމަށް ވެސް ޕީއެސްއެމް އިން ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ މިއީ އެތަނުގެ ނިއުސްރޫމްގެ މަސައްކަތުގެ މާހައުލަށް ލިބުނު ބޮޑު ފަޅުކަމަކާއި ގެއްލުމެއް ކަމަށެވެ.

"އެހެންނަމަވެސް މި ޓީމުގެ ހަމަ އެންމެ މެމްބަރެއްގެ ވެސް އަޒުކަމަށް ކުޑަވެސް ބަދަލެއް ނާދޭ. ޕޮޒިޓިވްވި މުވައްޒަފުންނާއި ކަރަންޓީނުގައި ތިބި މުވައްޒަފުން ވެސް އެތިބި ތަނެއްގައި ތިބެގެން ކުރެވެން އޮތް މަސައްކަތެއް ދަނީ ކުރަމުން. ބަލި ހާލުބޮޑުވެ ނުތެދުވެވޭވަރު ވަންދެން ޚިދުމަތްކުރުމަކީ މި މުވައްޒަފުންގެ އަޒުމެއް،" ޕީއެސްއެމް އިން ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ ކޮންމެ ހާލަތެއްގައި ވެސް ޕީއެސްއެމްގެ ފޯކަސްއަކީ މެދުނުކެނޑު އާއްމުންގެ ގޭގެ ސިޓިންރޫމާ ހަމައަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުން ކަމަށެވެ.