ސްރީލަންކާގެ ރައީސް ގޯތަބާޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވިތާ ތިން ދުވަސް ފަހުން އެކަމަ ގުޅޭގޮތުން ސަރުކާރުން ބަހެއް ބުނެފި އެވެ.
މީގެކުރިން ތަކުރާރުކޮށް ފޮރިން މިނިސްޓްރީއާ ނޫސްވެރިން ސުވާލުކުރުމުން ވެސް އެކަމަށް ބަހެއް ބުނަން ވަނީ ދެކޮޅު ހަދާފަ އެވެ. މިއަދު ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތްފަހުން މިރޜ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އެމަނިކުފާނު ދަތުރުކުރެއްވި އަސްކަރީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާ ސަރުކާރުން އެދުމުން، ގޯތަބަޔަ އާއި އެމަނިކުފާނުގެ އަނބިކަލުންނަށް ޓްރާންސިޓް ދަތުރެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވާނެ ކަމަށެވެ.
ގޮތަބަޔައަށް ރާއްޖެއިން ހިމާޔަތްދިނުމުން ސްރީލަންކާގެ އާންމުން ވަނީ އެކަމާ ނުރުހުންފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ވަނީ އިއްޔެ ކާނިވާ ސަރަހައްދަށް އެއްވެ ސުލްހަވެރި އިހްތިޖާޖެއް ކުރިއަށްގެންގޮސްފަ އެވެ.
ގޮތަބަޔަ މިއަދު ރާއްޖެއިން ފުރާވަޑައިގަތީ ސައުދީގެ އެއާލައިނެއްގަ އެވެ. އެމަނިކުފާނު ސްރީލަންކާ ދޫކޮށް ރާއްޖެ ވަޑައިގަތީ އަމިއްލަ ފަސްގަނޑުގައި ހިމާޔަތެއް ނެތުމުންނެވެ. އެމަނިކުފާނުގެ ގެކޮޅުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވަނީ ހުޅުޖަހައި އަންދާލައިފަ އެވެ.
ސިންގަޕޫރަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެމަނިކުފާނު އިސްތިއުފާދެއްވިކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.