ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަނޑު އަޑިއަށް ފެތުނު އެމެރިކާގެ އަސްކަރީ މަނަަވަރެއް ފިލިޕީންސްގެ ބޭރުން ކަނޑުގެ 7000 މީޓަރުން އަޑިން ފެނިފައިވާ ކަމަށް އެމެރިކާގެ ދިރާސާ ޓީމަކުން ބުނެފި އެވެ.
ޔޫ އެސް ސެމިއުލް 8 ފެތިފައިވަނީ 1944 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 25 ވަނަ ދުވަހު ޖަޕާނުގެ އަތްދަށުން ފިލިޕީންސް ދިފާއު ކުރަން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފިލިޕީންސްއަކީ އެ ދުވަސްވަރު އެމެރިކާގެ ބާރުހިނގާ ސަރަހައްދެކެވެ.
ދިރާސާކުރި ޓީމުން ވަނީ އެކި ފަހަރު މަތިން ފީނައިގެން ނަގާފައިވާ މަނަވަރުގެ ފޮޓޯތަކެއް އާއްމުކޮށް ދައްކާލާފަ އެވެ. އެ ފޮޓޯތަކުން ބޯޓުގެ އެކި ބައިބައި ފެންނައިރު ދަބަރު ޖަހައިވާ ތަން ވެސް ފެނެ އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ރެކޯޑުތައް ދައްކާ ގޮތުން މި މަނަވަރު އަޑިއަށް ދިއުމުގެ ކުރިން ތިން ދުވަސް ވަންދެން ފެން މަތީގައި އޮތެވެ. ބޯޓުގައި ތިބި މީހުން މަރުވެފައިވަނީ މިޔަރު ހަމަލާތަކުގައާއި ގެނބުމުގެ ސަބަބުންނެވެ.
މި އާ ހޯދުމާއެކު ސެމިއުލް 8 ވެފައިވަނީ މިހާތަނަށް ކަނޑުގެ އެންމެ ފުނުން ހޯދި މަނަވަރަށެވެ. މީގެ ކުރިން އެ ރިކޯޑު އޮތީ ކަނޑުގެ 6500 މީޓަރު އަޑީގައި އޮތް އެމެރިކާގެ އެހެން މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ޖޯންސްޓަން އަށެވެ.
މި ހޯދުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތާރީހު ދިރާސާކުރާ ފަރާތްތަކަށް ހުޅުވުނު އާ ދޮރެއް ކަމަށް މަނަވަރު ހޯދުމުގައި މަސައްކަތްކުރި ޓީމުން ބުނެ އެވެ.