ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ މުހައްމަދާއި އިތުރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ދެން ކުރިމަތިލެއްވީ ޕީޖީ އޮފީހުގެ ކުރީގެ ގާނޫނީ ވަކީލު ޝުކުރުﷲ ޝަކީލެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން ސަމީރު އިސްތިއުފާ ދެއްވީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފްލެޓްދިން މައްސަލަ ޖޭއެސްސީން ބަލައި ނިންމައި ފިޔަވަޅު އަޅަން އުޅުމުންނެވެ. ސަމީރަށް ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބިފަ އެވެ.
ފްލެޓް ލިބުނު މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ. ނަމަވެސް މަޖިލީހުން ވަކިކުރުމުގެ ކުރިން ރައޫފް ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބުނެވެ. ނަމަވެސް އެ މައްސަލަ ޖޭއެސްސީން ނުބަލައެވެ. އޭގެބަދަލުގައި ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު އޭނާ އަށް ދިނީ އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގައި ހަމައެއް ލަމައެއް ނުންގެންގުޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.