ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާނުކޮށް ތިން މަސް ވަންދެން ބަންދުގައި ބެހެއްޓޭގޮތް ހެދުމަށް ޖިނާއީ އިޖުރާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނީ 75 ދުވަހެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލްގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
އެ ބިލް ހުށަހެޅުމުގެ މަގްސަދެއް ކަމަށް ބަޔާންކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ އިޖުރާއަތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ އިތުރުން އިއުތިރާފް އެއްބަސްވުން ހެދޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލު ކުރުމެވެ.
ހަމައެހެންމެ ހެކިބަސް ދޭ މީހުން ހިމާޔަތްކުރުމާ ގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތާއި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ މުއްދަތު އިތުރުކުރުމަކީ އެ ބިލްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ހިމަނާފައިވާ ކަމެވެ.
މިހާރު ގާނޫނު އޮންނަގޮތުން ބަންދުގައި ހުންނަ މީހާގެ މައްސަލަ 30 ދުވަސް ތެރޭ ޕީޖީ އޮފީހަށް ފޮނުވަންޖެހެ އެވެ. އެ މުއްދަތަކީ ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ބައެއް ފަހަރަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ފުލުހުން ފާހަގަކުރެ އެވެ.
ގާނޫނުގައި މިހާރު އޮންނަނީ ތަހުގީގުގެ މުއްދަތު 45 ދުވަސް އިތުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިދޭ ގޮތަށެވެ. ނަމަވެސް ޝިފާއު ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު 60 ދުވަހަށް ބަދަލު ކުރުމަށެވެ.