ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކުނީގެ ބާވަތްތައް ވަކި ކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެއްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށް ވިދާޅުވި އެވެ.
އަދި ނެތިގެންދާ ވަޞީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަޞީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަޞީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި ޖައްވު ހޫނުވެ ތަޣައްޔަރު ވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާކަން ފާހަގަކުރައްވައި މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވިދާޅުވި އެވެ
ރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤޫބޫލު މަންޒިލެއް ކަން ފާހަގަކުރައްވައި، ރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ މި ރާއްޖޭގެ ޤުދުރަތީ ނިޢުމަތުގެ ސަބަބުން ކަމަށާއި މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާޞިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔަރ ރިޒަރވް ލޯގޯ އިފްތިތާޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެ އެވެ. މީގެ އިތުރުން "އޮންލީ ވަން އާރތް" ވާހަކަފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފަ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބައިސްކަލް ބުރެއް ބާއްވާފަ އެވެ. މި ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވި އެވެ.
ކުނީގެ މައްސަލަ މާލޭގައި ޔަގީނުންވެސް ބޮޑުވީ ހައްލުވީ އެއް ނޫން މުޅި މާލޭގެ މަގުތަކުގައި ކުނިން ފުރިފައި ކުންނަކީ އެއީ ވަކިކޮށްގެން ނައްތާލަން ޖެހޭ އެއްޗެއް ކަން މިސަރުކާރުން ދަންނަނީ އެއީ މިސަރުކާރުގެ ތިމާވެށި މިނިސްޓަރަކީ އެއީ ކެމިކަލް އިންޖިނިއަރިންގް އަދި މެކޭނިކްސް ކިޔަަވައިގެން ނެތް މީހަކަށް ވާތީވެ އޭނާ އަށް އަޑުއިވޭނީ އެއީ އޭޑީބީ ފަދަ ތަންތަނުން އަންނަ ކަނޑުކޮސް ކޮރަޕްޓް ދޮންމީހުން ބުނާ ގޮތޭ ދުނިޔޭގެ އެއްވެސް ތާކުން ކުރާ ކަމެއް ނޫނޭ