ހިޔާލުތަފާތުވުމާ ހެދި ހއ. ދިއްދޫ ކައުންސިލްގެ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު މަސް ވެއްޖެ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ކައުންސިލްގެ ނިންމުންތަކުގައި ރައީސަށް ބައިވެރިނުވެވޭނެ ކަމަށް އެމްޑީޕީގެ ކައުންސިލަރުން ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އޭނާ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ހިންގާ ގަވާއިދުގައި ވެސް ކައުންސިލްގެ ނިންމުންތަކުގައި ރައީސަށް ބައިވެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކައުންސިލަރުން އަންނަނީ އެކަމަށް ގޮންޖައްސަވަމުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސާއި މެންބަރު މޫސާ ލަތީފް ފިޔަވައި ބާކީ ތިއްބެވި ހުރިހާ ކައުންސިލަރުން ނިސްބަތް ވަނީ ވެރިކަންކުރާ އެމްޑީޕީއަށެވެ.
ދިއްދޫ ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ގަވާއިދަށް އެ އިސްލާހު ގެންނަން ހުށަހެޅީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ އިސްލާހު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެންނެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެރަށު މަގު ހެދުމުގެ މަޝްރޫއު ވެސް ހުއްޓިފައިވާ ކަމަށެވެ. އެމްޑީޕީ ކައުންސިލަރުން ކުރަމުން އަންނަ ކަމަކަށްވާތީ އެލްޖީއޭ އިން ވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅައެވެ. އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ހަމައެހެންމެ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިކަމުގައި ހުންނެވީ ހަނު އެވެ.