ހުސްވެފައިވާ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ރައީސް ގޮޓަބަަޔަ ރާޖަަޕަކްސައަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި މަގާމު އެގައުުމުގެ ބައެއް ސިޔާސީ ފަރާތްތަކަށް ހުށައެޅި ނަމަވެސް އެބޭފުޅުން މަގާމު ގަބޫލު ކުރައްވާފައި ނުވާއިރު ބޮޑު ވަޒީރެއް ނެތި ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރު އިތުރު ޕްރެޝަރަކަށް ވެއްޓޭ ދުވަހެކެވެ.
އިދިކޮޅު މައި ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދަސައަށް މަގާމު ހުށައެޅުނު ނަމަވެސް ރާޖަޕާކްސަގެ ވެރިކަމެއްގައި ސަޖިތު މަގާމާ ހަވާލު ނުވާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
އެއާއެކު ފީލްޑް މާޝަލް ޕާލިމެންޓް މެމްބަރު ސަރަތު ފޮންސެެކަ ވެސް ވަނީ ބޮޑު ވަޒީރުކަމުގެ މަގާމާ ގުޅޭގޮތުން ސަރުކާރާ މަޝްވަގާ ކުރާކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފަ އެވެ.
މިކަމާ ގުޅިގެން ސްރީލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފްތާ ތެރޭގައި އާ ބޮޑުވަޒީރެއް އައްޔަން ކުރެވޭނެ ކަމަށާއި އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހު އެގައުމުގައި ހިންގި ހަމަނުޖެހުންތަކަށް ފަހުގަ އެވެ.
މަގާމުން ވަކިވެ ބޮޑުވަޒީރުގެ ގެކޮޅުން ވެސް މަހިންދަ ނުކުންނެވި ނަމަވެސް އާއްމުންގެ ނުރުހުން އޭނާއަށް އަމާޒުވެފައި ވާތީ އޭނާއަށް ވަނީ އަސްކަރީ ފުރިހަމަ ރައްކާތެރިކަން ދީފަ އެވެ. -- ނިއްސްވަޔާ