ކޮލަމްބޯ (10 މެއި) - ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ގޯލް ފޭސްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ އާއްމުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ލަންކާގެ ޖަލުތަކުގައި ތިބި ގައިދީން ބައިވެރިކޮށްފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި އެވެ.
އިއްޔެ ކުރިއަށްދިޔަ ހަމަނުޖެހުންތަކުގަައި ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ހިމެނޭހެން ސަރުކާރުގެ އިސް ލީޑަރުންގެ ގެކޮޅުތަކުގައި ވަނީ ހުޅުޖަހާފަ އެވެ. އެއާއެކު މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނުކުތް މީހުންގެ ތެރޭގައި ވަޓަރެކަ އޯޕަން ޕްރިޒަން ކޭމްޕްގެ ގައިދީން ބޭނުންކޮށް މަޝްރަހު އިތުރަށް ގޯސްކުރަން ސަރުކާރުން މަސައްކަތްކުރި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ލަންކާގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނީ ވަޓަރެކަ ރިހެބިލިޓޭޝަން ޖަލުގައި އުޅުނު ބައެއް ގައިދީން އިއްޔެގެ ވަގުތެއްގައި އާއްމު ހެދުމުގައި އިޖުތިމާއީ މަސައްކަތަށް ތިން ސަރަހައްދަކަށް ގެންދެވިފައިވާ ކަމަށާއި ނަމަވެސް ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ގައިދީން ދަތުރު ކުރަމުން ދިޔަ ބަސް ހުއްޓުވައި މީހުން ބޭރަށް ނެރެފައިވާ ކަމަށެވެ.
އެ އިދާރާއިން ވަނީ މުޒާހަރާގައި ގައިދީން ބައިވެރިވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް އެކަން ކުށްވެރި ކޮށްފަ އެވެ.
ޕްރިޒަން ހެޑްކުއާޓާސްއިން ނެރުނު ބަޔާނެއްގައި ވަޓަރެކަ ޖަލުން 58 ގައިދީން މަދުކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ދާ ކަމަށް ބުނެފަ އެވެ.
ލަންކާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާއެކު ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. -- ނިއުސް ވަޔާ