މަހުގެ ހަމަ އަގު ވާންވާނީ މަސް ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ވެސް ފެއާ އެއްޗަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސް އެކްސްޕޯޓު ކުރަނީ ރަނގަޅު އަގުގައިތޯ ވިސްނަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މަހުގެ ހަމަ އަގު ކަނޑައަޅަނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެކަންކަމުގެ ތެރޭގައި އުފެއްދުމުގެ ކޮލެޓީއާއި މަސް ބޭރު ކުރުމަށް ކުރާ ހަރަދާއި ބާޒާރުގެ ހަލަތާއި މަސްވިއްކާ ދުވަސްވަރާއި މަހަށް އަގުދައްކާ ގޮތް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޫއްޑޫގައި މަސް ކިރުވުމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ޑރ. ހުސައިން ވިދާޅުވީ އެކަމުގެ ހައްލަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ. އެގޮތުން 1000 ޓަނާ ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ކޫއްޑޫގެ ކެޕޭސިޓީއަކީ 240 ޓަނެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ސަރުކާރަށް މަސް ގަނެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމެވެ.
"މި ދައުރުގެ ތެރޭގައި އެކަން ކުރާނެ. ކުރިއަށް އޮތް އަށް މަސް ނުވަތަ ނުވަ މަހުގެ ތެރޭގައި އެކަން ކޮށް ނިންމާނެ،" މިނިސްޓަރު ވިދާޅުވި އެވެ.