ސޯސަން މަގުގައި ހުރި ގަހެއްގެ ބޮޑު ގޮފިގަނޑެއް އެ މަގަށް ވެއްޓި މަގުގެ ބޮޑު ބައެއް ބްލޮކް ވެއްޖެ އެވެ.
ގަހުގެ އޮފިގަނޑު ވެއްޓި މަގު އެއްކޮށް ބަންދުވެފައިވާއިރު، ގޮފިގަނޑު ވެއްޓިފައިވަނީ ސިޓީ ބޭކަރީއާ ދިމާލުގައި ހުރި ގަހަކުންނެވެ. އެމަގުން ގޮފިގަނޑު ނަގައި މަގު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އެމަގުގައި ހުރި ބައެއް ވެހިކަލްތަކަށް ބައެއް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
މާލޭގައިވާ މަގުތަކުގެ ތެރެއިން ސޯސަން މަގަކީ ވެހިކަލްތައް ތޮއްޖެހި ޓްރެފިކް އެންމެ ބޮޑުވާ އެއް މަގެވެ. ހަމައެހެންމެ އެމަގަކީ އެންމެ ބިޔަ ގަސް ހެދިފައިވާ އެއް މަގު ވެސްމެ އެވެ.
މީގެ ކުރިން ވެސް މާލޭގެ މަގުތަކުން ބިޔަ ގަސްތައް ވެއްޓި މަގު ބަންދުވި ހާދިސާތައް ހިނގާފައިވެ އެވެ. އަދި އެފަދަ ހާދިސާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައި ވެސްވެ އެވެ.