އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ޒިނޭއާއި ގާނޫނުގައި ބަޔާންކުރާ ޒިނޭއަކީ ތަފާތު ދެ ޒިނޭއެއްކަމަށް ބުނުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަދައިގެން ދައްކަމުންދާ ވާހަކައެއް ކަމަށް ދެކޭ ކަމުގައި ހައިކޯޓުން ބުނެފިއެވެ.
ހައިކޯޓުން އެގޮތަށް ބުނެފައި ވަނީ އެ ކޯޓުގައި އިސްތިއުނާފުކުރި ޒިނޭގެ ހުކުމެއްގައެވެ. އެ ހުކުމްގައި ވަނީ ގާނޫނުލް އުގޫބާތަށް ގެނެސްފައިވާ އިސްލާހުގައި އެ ގާނޫނަށްވުރެ ޖިންސީ ކުށުގެ ގާނޫނަށް އިސްކަންދޭންޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ. "ގާނޫނީ ޒިނޭ"ގެ މަފުހޫމަކީ ގާނޫނުލް އުގޫބާތުގައި އޮތް މަފުހޫމެއް ކަމުގައިވީ ނަމަވެސް އެއީ ޖިންސީ ކުށުގެ ގާނޫނުގައި އޮތް މަފުހޫމެއް ނޫން ކަމަށް އެ ހުކުމްގައިވެއެވެ.
ދެ ގާނޫނުގައި ޒިނޭއާ ގުޅޭ ގޮތުން ފުށުއެރުމެއް އޮތް ހާލަތުގައި ޕްރޮސެކިއުޝަނުން އަމަލުކުރަންޖެހޭނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ގާނޫނުލް އުގޫބާތުގައި ޒިނޭއާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުން އެ އިސްލާހާއެކު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ދެ ގާނޫނުގެ ނައްސުތަކަށް ބެލުމުން އެ ދެ ގާނޫނުގައި ޒިނޭގެ ކުށާ ގުޅިގެން، ބަޔާންކޮށްފައި ހުރި ހަމަތަކާއި އުސޫލުތައް މަސްހުނިކޮށްގެން ބޭނުންކެރެވިދާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން ކުށްތަކާ ގުޅޭ ގާނޫނުތައް އެކުލަވައިލުމުގައި ގެންގުޅެފައިވާ ވިސްނުމަކީ ދެ ގާނޫނެއްގައި އެއް ކުށަކާ ގުޅޭ އުސޫލުތައް ބަޔާންކުރާނަމަ އެއިން އެއް ގާނޫނު އަބަދުވެސް އިސްކުރުންކަން ގާނޫނީ ނައްސުތަކުން ސާފުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ގާނޫނުލް އުގޫބާތުގައިވެސް އަދި ޖިންސީ ކުށުގެ ގާނޫނުގައިވެސް "ޝަރުޢީ ޒިނޭ" އަދި "ޤާނޫނީ ޒިނޭ" ބަޔާންކޮށްފައި ނެތް ކަމަށާއި އެ ދެ ގާނޫނުގައިވެސް ބަޔާންކުރަނީ ޒިނޭގެ ކުށް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ގާނޫނީ ޒިނޭއާއި ޝަރުޢީ ޒިނޭ ޕްރޮސެކިއުޝަނުން ވަކިކުރަނީ އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ ހެއްކާއި ކުށަށް ކަނޑައަޅާ އަދަބުގެ މައްޗަށް ބިނާކޮށެވެ. އެކަމާ ގުޅިގެން ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި ވަނީ ކުށް ކަނޑައެޅުމަކީ ގާނޫނު ހަދާ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށާއި އެހެންކަމުން އެއީ ޕްރޮސިކިއުޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ މީގެކުރިން ގާނޫނީ ޒިނޭގެ ނަމުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.