އައްޑޫ ސިޓީގެ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކަމާ ނުގުޅޭ މީހަކު ފްރޭމްކޮށްގެން ހައްޔަރުކުރި މައްސަލަ ހޫނުވެއްޖެ އެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު މެންދުރުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާ އަކީ ހިތަދޫގެ ސްކޫލެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ.
އެ އަންހެން މީހާގެ އާއިލާއިން ބުނީ ފުލުހުން ވަނީ އެ އަންހެން މީހާ ފްރޭމްކޮށްފައި ކަމަށެވެ.
"ދައްތަގެ މައްޗަށް މި ތުހުމަތެއް ކޮށްގެން އުޅެނީ އެ ކުއްޖާ ގޮވައިގެން ފާޚާނާއަށް ދިޔަފަހުން، ޖިންސީ ގޯނާކޮށްފައިހުރިކަން އެނގުމުން. ޑޮކްޓަރުގެ ރިޕޯޓްގައި އެބައޮތް އެކި ދުވަސްމަތިން ދީފައިހުރި އަނިޔާތަކެއް ކަމަށް އެއީ،" އޭނާ ކިޔައިިދިނެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި ޖެންޑާއިން އެ ކުއްޖާއާ ސުވާލުކުރުމުން ޖިންސީ ގޯނާކޮށްފައި ވަނީ ކާފަ ކަމަށް ވަނީ ކިޔައިދީފަ އެވެ. ނަމަވެސް އެ ކުއްޖާގެ ކާފަ އަދިވެސް ހައްޔަރުކޮށްފައެއްނުވެ އެވެ. އަދި އެ އަންހެން މީހާ އަދިވެސް ހުރީ ޝަރީއަތް ނިމެންދެން ޖަލަށްލައިފަ އެވެ.
އެ އަންހެން މީހާ ނުހައްގުން ޖަލަށްލާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށްގެންދާ މުޒާހަރާ އަންނަނީ ހޫނުވަމުންނެވެ.
އެ ކުއްޖާގެ ކާފަގެ އާއިލާ އަކީ އެމްޑީޕީގެ ނުފޫޒު ގަދަ ބަޔަކު އުޅޭ އާއިލާއެކެވެ. އެހެންވެ، ފުލުހުންނަށް އޭނާ ހައްޔަރުކުރަން ފުލުހުން ފަސްޖެހެމުން އަންނަ ކަމަށް އަންހެން މީހާގެ އާއިލާއިން ތުހުމަތުކުރެ އެވެ.
ރިޝްވަތުދީގެން އެ މައްސަލަ އޮއްބާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެ އާއިލާއިން ތުހުމަތުކުރެ އެވެ.
"އެ މީހުންގެ ބައްޕަ ބަދުނާމު ވެދާނެތީ ފައިސާދީގެން އެ މައްސަލަ އޮއްބާލަން މިހާރު އެ އުޅެނީ. އަދި އެމީހުންގެ ބައްޕަ ރާއްޖެއިން ބޭރަށް ފުރުވާލުމަށް މިހާރު މަސައްކަތް ކުރަމުން ދަނީ،" އަންހެން މީހާގެ އާއިލާގެ މީހަކު ކިޔައިދިނެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ އިތުރުން އިތުރު މީހަކަށް ހެއްކެއް ނުވަތަ ގަރީނާއެއް ފުލުހުންގެ ތަހުގީގަށް މިހާރު ލިބިފައިނުވާ ކަމަށެވެ. ހަމައެކަނި ފުލުހުން ބުނަނީ މިހެންނެވެ. އެ އަންހެން މީހާގެ އާއިލާގެ ފަރާތުން ކުރާ ތުހުމަތުތަކަށް ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.