ވޮޝިންޓަން (18 މާޗް) މިހާރު ކުރިއަށްދާ ރަޝިއާ އަދި ޔޫކްރެއިން ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ފޯނުން ގުޅުއްވަން ހަމަ ޖެހިއްޖެ އެވެ.
މި ފޯނު ކޯލުގައި ޗައިނާއިން ރަޝިއާއަށް އަސްކަރީ އެހީ ފޯރުކޮށް ނުދިނުމަށް ބައިޑަން ޝީއަށް އިންޒާރު ދެއްވާނެ ކަމަށް ބެލެވެ އެވެ.
ޗައިނާއިން ރަޝިއާގެ ހަނގުރާމަވެރި އަމަލުތައް ކުށްވެރި ކުރަން ދެކޮޅު ހަދާފައިވާއިރު އެ ގައުމުން ވަނީ މަޝްރަހު ގޯސް ކުރުމުގެ ޒިންމާ އެމެރިކާއާއި ނޭޓޯގެ ބޮލުގައި އަޅުވާފަ އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ ހަނގުރާމައާ މެދު ކަން ކުރަންވީ ގޮތާ ބެހޭ ގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޗައިނާއަށް ކުރިމަތި ކުރުވަމުންދާ ފިއްތުން ތަކަށް މިހާތަނަށް އެގައުމުން ވަނީ ބީރު ކަންފަތެއް ދީފަ އެވެ.
ނަމަވެސް ރަޝިއާއާ ދެކޮޅު ފިޔަވަޅު ތަކެއް އަޅާނެ ކަމުގެ އިޝާރާތެއް ޗައިނާއިން ވަނީ ދީފަ އެވެ. އެގޮތުން ޗައިނާއަކީ ޔޫކްރެއިންގެ އެކުވެރިއެއް ކަމަށާއި އެގައުމުން ދުވަހަކު ވެސް ޔޫކްރެއިންއަށް ހަމަލާ ނުދޭނެ ކަމަށް ޔޫކްރެއިންގައި ހުންނަ ޗައިނާ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ރަޝިއާއިން ޗައިނާގެ އަސްކަރީ އެހީތެރި ކަމަށް އެދިފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މި ރިޕޯޓުތައް ޗައނާއިން ވަނީ ދޮގު ކޮށްފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް