ފުރަމާލެއަކީ މިއަދު މި ދިވެހި ރާއްޖޭގެ މަރުކަޒީ ރަށެވެ. ގިނަ ހިދުމަތްތައް މި މާލެއިން ލިބޭ ގޮތަށް ހާއްސަވެފައި އޮތް ނަމަވެސް މީގެ ޒަމާންތަކެއް ކުރިން މި މާލެ އޮތީ މިފަދައަކުން ނޫނެވެ. މާލޭގެ ތާރީޚު ގުޅިފައިވަނީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކިޔެމުން އަންނަ ކޮއިމަލާ ވާހަކައާއެވެ.
މަލެއް ފަދަ ކޮއިއަކީ އިންޑިއާގެ ސަރަހައްދަކަށް ނިސްބަތްވާ ރަސްމަތި އާއިލާއެއްގެ ބޭފުޅެއް ކަމަށް ބުނެވެ އެވެ. ވަލު ޖަނަވާރުތަކާއި ހުއިހައްޕާ ޖަނަވާރުތަކުގެ މެދުގައި ބޮޑުފުޅުވި މަލެއްފަދަ ކޮއި ބޮޑުފުޅުވެ، ބައްޕާފުޅާ ދެމެދު ހިނގި ދެބަސްވުމެއްގައި ބައްޕާފުޅު ކޯފާވެ އެ ބޭފުޅާއާއި އަނބިކަނބަލުން ނަވަކަށް ލައި ފުރުއްވާލެއްވި އެވެ.
ނަވުގައި މަލެއް ފަދަ ކޮއި ދަތުރުކުރެއްވީ އިންޑިއާ ކަނޑުން ދެކުނަށް ވާ ގޮތަށެވެ. މިހެން ދަތުރު ކުރައްވަމުން އައިސް ރާއްޖޭގެ މާލެ އަތޮޅަށް ވަދެވުމުން ނަވުގެ ނަގިލި އެއްލައި ބަނދަރު ކުރެއްވެވި އެވެ. މި ދަތުރުގައި މާޅޮސްމަޑުލު ދެކުނުބުރީ (ރ. އަތޮޅު) ރަސްގެތީމުގައި ވެސް ދުވަސްކޮޅަކު ހުންނެވި ކަމަށް ތާރީހީ ލިޔުންތަކުން އެނގެ އެވެ.
މަލެއް ފަދަ ކޮއިގެ ނާ ގިރާވަރު ކައިރީގައި ބަނދަރު ކުރެއްވެމުން އެ ދުވަސްވަރު އެރަށުގައި އުޅުނު ދިވެހިން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވި އެވެ. އަދި ކޮއިމަލާގެ ނަމުން އެ ބޭފުޅާއަށް ނަން ދެއްވި އެވެ.
ރަށްވެހިން ކޮއިމަލާ ގެންދިޔައީ ގިރާވަރު ކައިރީގައި އޮތް ފުރާނަ ނެތް ފިނޮޅަކަށެވެ. މަސްވެރިން މަސްކެނޑުމަށް ބޭނުންކުރާ އެ ފިނޮޅުގެ މޫދުގެ ކުލަ ވަނީ މަސްތަކުގެ ލެއިން ރަތްވެފައި ކަމަށް ބުނެވެ އެވެ. މި ސަބަބަށްޓަކައި އެ ފިނޮޅުގެ ނަމަކަށް ވެފައި އޮތީ މަހާލެ އެވެ.
ކޮއިމަލާ އެ ފިނޮޅުގައި ގެއެއް އަޅުއްވައި ފުރަތަމަ ގަސް އިންދެވި އެވެ. އެއީ ފަޅޯ ގަހެކެވެ. އިސާހިތަކު ފިނޮޅުގައި މީހުން އާބާދުވެ، އާބާދީ ބޮޑުވަމުން ދިޔަ ވަރަކަށް ބިން ބޮޑު ކުރެވެމުން ދިޔަ އެވެ.
އޭގެ ފަހުން މީލާދުން 1140ގެ އަހަރުތަކުގައި ކޮއިމަލާ ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގެން މަހާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައި ނިންމަވައި މާލޭގެ ނަމަށް ބަދަލު ކުރެއްވެވި އެވެ. މިހާރު މި ފެންނަ ފުރަމާލޭގެ ފެށުމަކީ މިއީ އެވެ.
ކޮއިމަލާ ރަދުންނަކީ ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމްވި ރަދުން ކަމުގައި ބުނެ އުޅުނަސް އެކަމުގައި ޚިލާފުތަކެއް ހުރެ އެވެ.