ކޮވިޑްޖެހިގެން ދ. ކަނޑިންމަ ރިސޯޓްގެ މުވައްޒަފަކު މަރުވި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ކަނޑިންމަ ރިސޯޓުގައި ހުއްޓައި ހާލު ބޮޑުވެގެން އުމުރުން 60 އަހަރުގެ އެ މީހާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހަމަ އެރޭ 9:45 ހާއިރު ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އެމީހާ ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުޑަހުވަދުއަށް ދިޔުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް ރިސޯޓުން އޭނާ ފޮނުވާފައެއް ނުވެ އެވެ.
އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.