އިންޑިއާގެ މުމްބާއީ އެއާޕޯޓުގައި ބެގޭޖް ހޭންޑްލަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ވަރަށް އާދަޔާ ޚިލާފު ކަމަކާ ދިމާވެފަ އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ދާން އޮތް އިންޑިގޯ ފްލައިޓްގެ ކާގޯ ހޯލްޑްގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ލަގެޖްތަކުގެ ކަންކަމުގަ އެވެ.
މަސައްކަތުގައި އުޅެނިކޮށް އޭނާއަށް ނިދި ޖެހުނީ އެވެ. ކާގޯ ލޯޑުގެ ދޮރުވެސް ބަންދުކޮށް ފްލައިޓްގެ ހުރިހާ ކަމެއް ނިމުނު އިރު ވެސް އެ މީހާ ކާގޯގެ ހޯލްޑުގެ ތެރޭގައި ނިދާފައި އޮތް ކަމެއް ފްލައިޓް އޮފިޝަލުންނަށް ވެސް އަދި އެއާޕޯޓަށް ވެސް ނޭނގެ އެވެ. އޭނާއަށް ހޭލެވުނީ ބޯޓު މުމްބާއީ އެއާޕޯޓުން ނައްޓާލި ފަހުންނެވެ.
ފްލައިޓް އަބޫދާބީ އެއާޕޯޓަށް ޖެއްސުމާއެކު އެމީހާގެ ހެލްތު ޗެކްއަޕްއެއް ހެދުނެވެ. ނަމަވެސް ނަތީޖާތަކުން އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ހުރިކަމަށް ދައްކާފައެއް ނުވެ އެވެ.
އެ ރިޕޯޓުތަކަށް ފަހު ހަމަ ފްލައިޓްގައި ޕަސެންޖަރެއްގެ ގޮތުގައި އޭނާ ވަނީ އަނބުރާ މުމްބާއީއަށް ގެނެސްފަ އެވެ.
އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.