މޫނުގެ ހަންގަނޑަށް އެކި ކަހަލަ މައްސަލަތައް ދިމާވުމަކީ އާންމު ކަމެކެވެ. އާންމު ގޮތެއްގައި މޫނުގައި ބިހިނެގުމާއި ހަންގަނޑު ކުރަކިވެ ރޫޖެހުން ފަދަކަންތައް ދިމާވަނީ އަޅުގަނޑުމެންގެ ހަށިހަނޑަށް އަންނަ ބަދަލު ތަކަކުންނެވެ. ބައެއްފަހަރު ހަންގަނޑު ކުރަކިވާން ދިމާވަނީ ދިރިއުޅުމުގައި ބަލަންޖެހޭ ބައެއްކަންކަމަށް ނުބެލުމުންނެވެ.
ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ގިނައިން ފެންބުއިމެވެ. އަދި މޫނުގެ ހަންގަނޑަށް ކޮންމެވެސް ވަަރަކަށް ފަރުވާ ދިނުމަކީ ވެސް މުހިންމު ކަމެކެވެ. ދުވާލު އަދި ރޭގަނޑު މޮއިސްޗަރައިޒިން ކްރީމް އެއް ބޭނުން ކުރުމަކީ ހަންގަނޑު ތާޒަކޮށް ބެހެއްޓިދާނެ ގޮތެކެވެ.
މިގޮތަށް މައްސަލަ ދިމާވާ ފަރާތްތަކުން މޫނުމަތި ރީތިކުރުމަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ މި މާސްކް ބޭނުން ކޮށްލާށެވެ.
ބޭނުންވާ ތަކެތި:
- 1 ދޮންކެޔޮ
- 1 ސަމްސާ ކިރު
ތައްޔާރު ކުރާނެގޮތް
ބޯތައްޓަކަށް ދޮންކެޔޮވައް ޗަސްކޮށްލާށެވެ. އެއަށްފަހު އެއްސަމްސާ ކިރުއެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި ޕޭސްޓް ތައްޔާރު ކުރާށެވެ.
މި ޕޭސްޓް މޫނުގައި އާއި ކަރުގައި އުނގުޅުމަށްފަހު 15-20 މިނެޓް ވަންދެން މަޑު ކުރާށެވެ. އަދި ތާފަނާ ފެންފޮދަކުން މޫނު ދޮވެލާށެވެ. އެކަށީގެންވާ ނަތީޖާ ގެނައުމަށް މި މާސްކް ހަފްތާއަކު ދެ ދުވަހު ބޭނުންކުރާށެވެ. އަދި މޫނު ދޮވުމަށްފަހު އަބަދުވެސް މޮއިސްޗަރައިޒިންގ ކްރީމް އެއް މޫނުގައި އުނގުޅާފައި ބެހެއްޓުން ރަނގަޅެވެ.