ވައިގެ އުޅަނދެއްގައި ދުނިޔެ ވަށާ އެކަނި ދަތުރުކުރާ އެންމެ ހަގު އަންހެން ޕައިލެޓްގެ ރެކޯޑު ހޯދުމަށްޓަކައި ކުރާ ދަތުރުގައި އެމެރިކާއަށް ނިސްބަތްވާ ޒާރާ ރަތްފޯޑު ދެކުނު ކޮރެއާގެ ސިއޯލް އަށް އައިސްފި އެވެ.
ޒާރާ އޭނާގެ ބެސްޕޯކް ޝާކް އަލްޓަރާލައިޓް މަތިންދާ ބޯޓުގައި ދުނިޔެ ވަށާ ބުރު ޖަހަން ދަތުރު ފެށީ މިދިޔަ އޮގަސްޓް މަހު އެވެ. އެގޮތުން މި ދަތުރުގައި ދުނިޔޭގެ ފަސް ބައްރެއްގެ 52 ގައުމަކަށް އޭނާ ދާނެ އެވެ.
އޭޝިއާގެ އެންމެ ފުރަތަމަ މަންޒިލަކަށް ސިއޯލް ވެފައި ވާއިރު މި ދަތުރު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މަހެއްހާ ދުވަހަށް ލަސްވެފަ އެވެ.
އަންނަ ހޯމަ ދުވަހު ޓައިވާންއަށް ދާން ދަތުރު ފެށުމުގެ ކުރިން ސިއޯލްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒާރާ ބައިވެރިވެ އޭގެ ފަހުން ހޮޓަލެއްގައި މަޑުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ ކުރިން ދުނިޔެ ވަށާ އެކަނި ދަތުރު ކުރި އެންމެ ހަގު އަންހެނާގެ ލަގަބު ލިބިފައި އޮތީ 2017 ވަނަ އަހަރު އުމުރުން 30 އަހަރުގައި ދަތުރު ފުރިހަމަކުރި ޝައެސްތާ ވައިސް އަށެވެ.
އުމުރުން 19 އަހަރުގެ މިޒުވާނާ ބުނާ އޭނާގެ ދަތުރާއެކު އިތުރު އަންހެނުންނަށް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޕައިލެޓްކަން ކުރާ ދެމަފިރިއަކަށް އުފަން ޒާރާ އެސްޓްރޮނޯޓަކަށް ވުމަށްޓަކައި އަންނަ އަހަރު ޔުނިވާސިޓީގެ ކިޔެވުން ފަށާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ދުނިޔެ ވަށާ ދަތުރުކުރި ފިރިހެން އެންމެ ހަގު ޕައިލެޓް މޭސަން އެންޑްރިއުސް އޭނާގެ ދަތުރު ފުރިހަމަ ކޮށްފައިވަނީ 2018 ވަނަ އަހަރު އުމުރުން 18 އަހަރުގަ އެވެ.