އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަހްމޫދު އަބޫބަކުރު މަރާލީ އޭނާގެ ހަށިގަނޑުގެ 30 ތަަނަކަށް ވަޅިން ޒަހަމް ދިނުމަށް ފަހު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފި އެވެ.
ރަހުމުކުޑް ގޮތަކަށް މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސާލިމަކީ، އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެއް ނަމަވެސް، ގަވާއިދާއި ހިލާފަށް ރާއްޖެ އައިސްގެން އުޅޭ ބިދޭސީއެއް ކަމަށް ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަލީ ޝިފާއު ވިދާޅުވީ މަހުމޫދުގެ ހަށިގަނޑު އިތުރަށް ބަލައި ތަހުގީގުކުރުމުގައި އޭނާގެ ހަށިގަނޑުން އެކި ވަރުވަރުގެ ޒަހަމްތައް ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޮލަށް ދިން މައިގަނޑު ތިން އަނިޔާއެއް ފެންނަން ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އެންމެ ތޫނު ހަތިޔާރެއް ނޫން ކަމަށާއި، އެކި ވައްތަރުގެ ތޫނު އެއްޗިހި ބޭނުންކޮށް މަހުމޫދަށް އަނިޔާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް، ސާލިމް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަހުމޫދު މަރާލި މައްސަލަ ފުލުހުންނަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. އޭނާ ނުފެނި ހޯދަމުން ގެންދަނިކޮށް ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ގޯންނަކަށް ލާފައި އައްސާފައި އޮއްވަ އެވެ.
މަހުމޫދުގެ ގާތިލްކަމަށްވާ ސާލިމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ހެކިތައް ފުލުހުންގެ ތަހުގީގަށް ފެނިފައިވާއިރު، އޭނާ ވަނީ މަހުމޫދު މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.