މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯއަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމަށްވާ ތަވައްރުޤް އުސޫލުން ކަމަށެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށް ފަހު، ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗަށް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ. މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއް ގޮތަށް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް. އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓް ރޭޓެއްގައި ދޫކުރާ ފައިނޭންސިން ފެސިލިޓީއެކެވެ. މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް 12 ޕަސެންޓްގެ ރޭޓެއްގައި ފައިނޭންސިން ދޫކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނިގޮތުގައި އެ ބޭންކުން ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް އަލުން ފައިސާ ހޯދޭނެ އެވެ.