އަވަހަށް ނިދައި، ހެނދުނު ހޭލާ މީހުންގެ ސިއްހަތު ރޭގަނޑު ލަހުން ނިދާ މީހުންނާ އަޅާބަލާއިރު ރަނގަޅުވުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށް ފިންލެންޑުގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، އަވަހަށް ހޭލާ މީހުން ދުވަހުގެ ފުރަތަމަ ނާސްތާ އަވަހަށް ކެއުމާއި ސިއްހަތަށް ފައިދާހުރި ކާނާ ކެއުން، ލަހުން ނިދާ މީހުންނާ އަޅާބަލާއިރު ގިނަ އެވެ. ނަތީޖާ އަކީ ރޭގަނޑު ލަހުން ނިދާ މީހުންގެ ހަށިގަނޑު އެކަށީގެންވާ ވަރަށް ވުރެ ފަލަވުމަށް އޮންނަ ފުރުސަތު ބޮޑުވުން ކަމަށް، ދިރާސާގައި އިސްކޮށް ހުންނެވި ނެޝަނަލް އިންސްޓްޓިއުޓް ފޯ ހެލްތު އެންޑް ވެލްފެއާގައި މީރްކާ މައުކޮނެން ވިދާޅުވި އެވެ.
ޔުނިވަސިޓީ އޮފް ޓެކްސަސް ސައުތު ވެސްޓަން މެޑިކަލް ސެންޓަރުގެ ޑައެޓީޝަނެއް ކަމަށްވާ ލޯނާ ސަންޑޮން ވިދާޅުވީ މި ދިރާސާގެ ނަތީޖާއިން ހައިރާންކަން ލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ ފިސިއޮލޮޖީ އާއި ބަޔޮލޮޖީގެ ދައުރެއް މިހެން ދިމާވުމަށް މެދުވެރިކުރުވަފާނެ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވެ ވަޑައިނުގަންނަވާ ސަންޑޮން ވިދާޅުވީ ކާއެއްޗެހީގެ އަސަރު ހަށިގަނޑަށް ކުރާ ގޮތް ދުވަހުގެ އެކި ވަގުތުތަކުގައި ތަފާތު ކަމާއި ނިދުމުގެ އާދައާ އެކަމާ ގުޅުން ހުންނަކަން މީގެ ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވާ ކަމަށެވެ.
ދިރާސާއިން ހާމަވި މުހިންމު އަނެއް ކަމަކީ ރޭގަނޑު ގިނައިރު ހޭލާ އުޅޭ މީހުން ކަސްރަތު ކުރުމާ ވެސް ދުރުކަމެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަން ވެސް ފާހަގަވެފައިވެ އެވެ. ރޭގަނޑުގެ ނިދި މަދު މީހުންގެ ތެރޭގައި ސިއްހަތު ރަނގަޅު މީހުން މަދުކަން ވަނީ މި ދިރާސާއިން އެނގިފަ އެވެ.
މި ދިރާސާއަށް މައުލޫމާތު ނަގާފައި ވަނީ ހިތުގެ ބަލިތަކާ ބެހޭ ގޮތުން ފިންލެންޑުގައި 2007 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުންނެވެ. އެ ދިރާސާގައި އުމުރުން 25 އަހަރާއި 74 އަހަރާ ދެމެދުގެ 1900 މީހަކު ބައިވެރިކޮށްފައިވެ އެވެ. ދިރާސާގެ ހޯދުންތައް މިހާރު ވަނީ އޮބީސިޓީ ޖާނަލްގައި ޝާއިއުކޮށްފަ އެވެ.