ރާއްޖެ އެތެރެކުރަނިކޮށް އަތުލި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ފަސް މީހެއްގެ ބަންދު އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ތިން ދިވެއްސަކަށާއި، ބިދޭސީއަކަށް ބަންދު އިތުރުކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ. އަދި މައްސަލައިގައި ހައްޔަރުކުރި އިތުރު ބިދޭސީއަކަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލާގައި 10 މީހަކު ހައްޔަރު ކުރިނަމަވެސް އޭގެ ތެރެއިން ފަސް މީހަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި އެކަމުގައި އެންމެ އިސްކޮށް އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ވެސް ހިމެނެ އެވެ.
މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓަ އެވެ.
މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެ އެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.