ކައިވެނީގެ ހަޔާތުގައި ބައިވެރިޔާ ބޭވަފާތެރިވުމަކީ އަސަރުހުރި ކަމެކެވެ. ފަނާކޮށްލާ މާޔޫސްކުރުވާ ކަމެކެވެ. ބައިވެރިޔާގެ ތެދުވެރިކަމާމެދު ޝައްކުވާނަމަ އޮތް އެންމެ ބުއްދިވެރި ގޮތަކީ އޭނާއާ މަޝްވަރާ ކުރުމެވެ. އުޅުމާއި ގުޅުމަށް ބަދަލު އަންނަނީ ކީއްވެތޯ ދެނެގަތުމެވެ. ބޭވަފާގެ އިލްޒާމް ޔަގީންކޮށްފައި ނޫނީ ނާޅުވާށެވެ. ބޭވަފާތެރި ވިޔަސް ގޮށް މޮހައި ނުލައި، މާފުކޮށް އަލުންބަލުން ހަޔާތާއިގެން ކުރިއަށް ދެވިދާނެކަން ގަބޫލުކުރާށެވެ. ނަމަވެސް މާފުކުރުމަށްފަހު ދެން ހިނގާދިޔަ ކަންތައްތަކުގެ ވާހަކަދެއްކުމެއް ނެތެވެ.
ބައިވެރިޔާ ގޭގައި ވަގުތުހޭދަކުރާ ގޮތަށް ބަދަލު އަތުވެއްޖެ ހެއްޔެވެ؟ ގޭގައި ހޭދަކުރާ ވަގުތު މަދުވާނަމަ ވިސްނާލާށެވެ. މަސައްކަތުގައި އޮފީހުގައި އުޅޭކަމަށް ހެދިގެން އެހެން ކަންތައްގަނޑެއް ހިންގުން ވަރަށް ގިނައިން ފެންނަ ކަމެކެވެ. ހަމަ ހަގީގަތުގައިވެސް ބައިވެރިޔާއަށް އޮފީހުގައި މަސައްކަތް ބުރަވީކަމަށް ވެދާނެ އެވެ. އަދި އާ ހޮބީއެއް ޚިޔާރުކުރީ ކަމަށްވެސް ވެދާނެ އެވެ. ވީމާ އެކޮޅުމިކޮޅު ނުބަލައި ފުންމައިގަތުން ބުއްދިވެރިއެއް ނޫނެވެ.
ދެމަފިރިން އެކުގައި އެކަހެރިކޮށް ވަގުތުހޭދަކުރާ މިންވަރު މަދުވެއްޖެހެއްޔެވެ؟ ނޫނީ ތިބާއާއެކު ވަގުތު ހޭދަކުރުމުގައި ޝައުގުވެރިކަމެއް ނެތްހެއްޔެވެ؟ މަސައްކަތާއި، ލައިނުގެނެގެން އުޅުމާއި ބަހަނާ ތިބާއާއި ބައިވެރިޔާއާއ ދެމެދަށް ފާވާން ފަށައިފި ހެއްޔެވެ؟ ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތުތަކަށް ބަދަލު އަތުވެއްޖެނަމަ ކަމެއް ގޯސްވެއްޖެ އެވެ. އަވަހަށް ދެމަފިރިން އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް މޭޒުދޮށަށް އަންނާށެވެ. މިކަމުގައި ފިރިމީހާ އިސްނެގުން ރަނގަޅެވެ.
ކުދިކުދި ކަންކަމުގައިވެސް ދެމަފިރިންގެ ޚިޔާލު ތަފާތުވާންފެށުމާއި އަބަދު ޒުވާބަކަށް ދާންފަށައިފިނަމަ އެއީ ވަރަށް ސީރިޔަސް މައްސަލަ އެކެވެ. އެހެން ކަން ހިނގަން ފަށައިފިނަމަ އެ އޮތީ ރަތްދިދަ ނަގާފަ އެވެ. ބައިވެރިޔާ އިސްވެ ކުދިކުދި ކަންކަމާއި ޒުވާބު ފަށަނީ ފަހަރެއްގައި އޭނާގެ ބޭވަފާތެރިކަން ފޮރުވައި، ބޭވަފާތެރިވީ ދިރުއުޅުން އުފާވެރި ނޫންވީމާ ކަމަށް އޭނާގެ އަމިއްލަ ޒަމީރަށް ގަބޫލުކުރުވަން ކަމަށްވެސް ވެދާނެ އެވެ. ބައެއް ފަހަރަށް ބައިވެރިޔާގެ ކުށް ހޯދުމަށްވެސް ބޭވަފާތެރިވާ މީހުން މަސައްކަތްކުރެ އެވެ. އެއީ ބޭވަފާތެރިވާން ޖެހުނު ސަބަބެއް ހޯދުމުގެ ބޭނުމުގަ އެވެ.
ބައިވެރިޔާއާ ވާހަކަ ދައްކާއިރު އޭނާ ކަމެއް ސިއްރުކުރާހެން ހީވޭހެއްޔެވެ؟ ފޯނުން ވާހަކަ ދައްކަމުން ގޮސް، ތިބާ ފެންނައިރަށް ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލުމާއި، މައުޟޫޢު ބަދަލުކުރުމާއި، ކޮމްޕިޔުޓަރު ނިއްވާލުން ފަދަ ކަންކަން ކުރާނަމަ ސަމާލުވާށެވެ.
ދެމަފިރިން ވިސްނަންވީ ވާހަކަނުދެއްކުމާއި އަޅާނުލުމާއި ޝައްކަކީ ބޭވަފާތެރިކަން އުފަންވާ ސަބަބުތައްކަމެވެ. އެފަދަ ކަންކަމުން ދުރުވެ ތިބެ ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމަށެވެ.