އުނަގަނޑުގައި ރިއްސުމަކީ ވަރަށް ގިނަބަޔަކަށް ދިމާވާ ސިއްހީ މައްސަލަ އެކެވެ. މިމައްސަލަ ދިމާވާ ވަރަށް ބައިވަރު ސަބަބުތައް ހުރެ އެވެ.
ގިނަ ވަގުތު އިށީނދެ އިނުމާއި ކަސްރަތު ކުރެވޭ މިންވަރު މަދުވުމާއި މަސައްކަތުގެ މާހައުލުގައި ބޭނުންކުރަންޖެހޭ ގޮނޑުތަކުގެ ސަބަބުންނާއި އިންޖީނުލީ ދުއްވާއެއްޗެހި ގިނަ ވަގުތު ދުއްވުމާއި، ބަރު އެއްޗެހި އުފުލުމާއި ސިނގިރޭޓު ބުއިމުގެ އިތުރުންވެސް އުނަގަނޑުގައި ރިއްސާ ސަބަބުތައް ހުރެ އެވެ.
އެމެރިކާގެ މަސާޖު ތެރަޕީ އެސޯސިއޭޝަންއިން 2001 ވަނަ އަހަރުގެ ޖުލައިމަހު ހެދި ސާވޭ އަކުން ދައްކާ ގޮތުގައި، 1997ވަނަ އަހަރުން ފެށިގެން އުނަގަނޑުގައި ރިއްސުމަށް މަސާޖު ކުރަމުން އައި މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވެ އެވެ.
ސިއްހީ ފަރުވާދޭ ގިނަ ބޭފުޅުން މިހާރު ލަފާދޭ ގޮތުގައި، ބޭސް ފަރުވާގެ އިތުރުން، މަސާޖަކީ އުނަގަނޑުގައި ރިއްސާ މީހުންނަށް ވަރަށް މޮޅު ފަރުވާ އެކެވެ. 2001 ވަނަ އަހަރު މިއާމީ ޔުނިވާސިޓީގެ ޓަޗް އެންޑް ރިސާޗު އިންސްޓިޓިއުޓް އިން ވަނީ އުނަގަނޑުގައި ރިއްސުމަށް ދޭ މަސާޖާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފަ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، މަސާޖުގެ ސަބަބުން އުނަގަނޑުގައި ރިއްސުން ކުޑަކޮށްދެ އެވެ. އަދި ހާސްވުމާއި ކަންބޮޑުވުމުން އިންސާނާ ދުރުކޮށްދީ، ނިދުމަށް އެހީވެދެ އެވެ.
މީގެ އިތުރުން ވެސް، ސިއްހީ ގިނަ ފައިދާތަކެއް މަސާޖު ތެރަޕީން ލިބެ އެވެ. މަސާޖު ކުރުމުން ލޭ ދައުރުކުރާވަރު އިތުރުކޮށްދެ އެވެ. މީގެ ސަބަބުން މަސްތަކުގައި ރިއްސާ މިންވަރު ކުޑަކޮށްދީ ހެލިފެލިވެ އުޅުމަށް ފަސޭހަވެ އެވެ. އޭގެ އިތުރުން އެންޑޯފިން ލެވެލް އިތުރު ކޮށްދިނުމަކީ މަސާޖުގެ ސަބަބުން ލިބޭ ވަރަށް ބޮޑު ފައިދާ އެކެވެ. އެންޑޯފިން ލެވެލް އިތުރުވުމުން އިންސާނާއަށް ހިތްހަމަ ޖެހުން ގެނެސްދީ ދިގު މުއްދަތުގެ ބަލިތައް މަދު ކޮށްދިނުމަށް އެހީއަކަށްވެ އެވެ.
ނަމަވެސް މަސާޖު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. މަސާޖު ކުރުމުގައި ރަނގަޅު ފެންވަރެއްގެ ތަމްރީނެއް ލިބިފައި ހުރި މީހެއް ލައްވާ މަސާޖު ކުރުމަކީ މުހިއްމު ކަމެކެވެ. ތަމްރީނެއް ނެތި މަސާޖުކުރާ މީހުންގެ ސަބަބުން ބައެއް މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. އެގޮތުން އާތްރައިޓިސް ހުންނަ މީހެއްނަމަ އޮސްޓިއޯޕޮރޯސިސްއަށް މަގުފަހި ވެދާނެ އެވެ. އަދި ގަނޑުވެފައި ހުންނަ ލޭ ކޮޅުކޮޅު ދޫވެ، ސްޓްރޯކް ނުވަތަ ހާޓް އެޓޭކަކަށް މަގުފަހިވެދާނެ އެވެ.
އެހެންކަމުން މި ކަންކަމުން ސަލާމަތްވުމަށްޓަކައި، މަސާޖު ކޮށްދިނުމުގެ ކުރިން ރަނގަޅަށް ތަމްރީނެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މަސާޖެއް ކުރުމުގެ ކުރިން އެއީ އެކަމަށް އެކަށޭނަ ތަމްރީން ލިބިފައިވާ ފަރާތެއްތޯ ބެލުން މުހިއްމެވެ.