ފޮނިތޮއްޓަކީ ލައުރަލް ނަމަކަށް ކިޔާ އާއިލާއެއްގެ ގަހުގެ ތޮއްޓެވެ. އިހު ޒަމާނުންސުރެ ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކާތަކެތި ތައްޔާރު ކުރުމުގައި ރަހަލެއްވުމަށް ފޮނިތޮށި ބޭނުން ކުރެ އެވެ. އަދި އަނގަ މީރުކޮށްލުމުގެ ގޮތުން ހުހަށް ވެސް ފޮނިތޮށި ކައިއުޅެ އެވެ. ތަފާތު ގިނަ ކާނާތައް ތައްޔާރު ކުރުމުގައި ބޭނުންކުރަމުން އަންނަ ފޮނިތޮއްޓަކީ ހައިރާން ކުރުވަނިވި ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ.
ތިމާގެ މޫޑާއި ހަކަތައިގެ މިންވަރު އެއްވަރެއްގައި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ފޮނިތޮއްޓަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ އެވެ. ފޮނިތޮއްޓަކީ ލޭގެ ހަކުރު ބެލެންސް ކޮށްދޭ އެއްޗެއް ކަމަށް ދިރާސާ ތަކުން ދައްކަ އެވެ. އެހެން ކަމުން ހަކުރުބަލި ފަދަ ބަލިތަކުން ދުރުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ފޮނިތޮއްޓަކީ ހިތަށް ވެސް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ސަރުބީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ދަށްކޮށްދޭ އެއްޗެއް ކަމުގައި ފޮނިތޮށިވެ އެވެ. އެހެން ކަމުން މިއީ ހިތުގެ ބަލިތަކަށް މަގުފަހި ކޮށްދޭ ހުރިހާ ނުރައްކަލަކުން މީހާ ސަލާމަތްކޮށްދޭނެ އެއްޗެކެވެ.
ޔުނިވަސިޓީ އޮފް ޓެކްސަސް އިން ނެރެމުންދާ މަޖައްލާއެއް ކަމަށްވާ ނިއުޓްރިޝަން އެންޑް ކެންސާ ގައި ބަޔާންކޮށްފައިވާ ގޮތުން ފޮނިތޮށި ބޭނުންކުރުމަކީ ކެންސަރު ސެލްތައް އުފެދުމަށް ހުރަސް އަޅާ ކަމެކެވެ. އެހެން ކަމުން ކެންސަރުގެ ބަލި ތަހައްމަލު ކުރަމުންދާ މީހާއަށް ވެސް މިކަމުން ލުޔެއް ލިބިގެންދާނެ އެވެ.
ފޮނިތޮއްޓަކީ ފައިބާ އާއި ކެލްސިއަމް އަދި ދަގަނޑުގެ މާއްދާތަކުގެ އިތުރުން މެގްނީޒިއަމް ވެސް އޭގައި އެކުލެވޭ އެއްޗެކެވެ. ފޮނިތޮށީގެ ކިތަންމެ ކުޑަ މިންވަރެއްގައި ވެސް މިތަކެތި ހިމެނިފައިވުމުން އެއީ ހަށިގަނޑަށް ބާރު ލިއްބައިދީ ވަރު ޖައްސައިދޭނެ ކަމެކެވެ.
އޭގެ އިތުރުން މައްސަރު ކަންތަކުގައި ދިމާވާ ތަދާއި ދަރިމައިވުމުގައި ދިމާވާ މައްސަލަ ތަކުގައި އެހީވެދޭނެ ކެމިކަލެއް ފޮނިތޮށީގައި އެކުލެވިގެންވެ އެވެ. ސިނަމަލްޑިހައިޑް ނަމަކަށްކިޔާ މި މާއްދާއަކީ އަންހެނުންގެ ޕްރޮގެސްޓްރޯން އިތުރުކޮށްދޭ އަދި ޓެސްޓެސްޓެރޯން އުފެދޭ މިންވަރު ދަށް ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ފޮނިތޮށި ކެއުމުން ހަށިގަނޑުގެ ހޯމޯން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ އެވެ.
ފޮނިތޮށީގެ މީރުވަހާއި ރަހައިގެ އިތުރުން ގުދުރަތީ ގޮތުން ފޮނިތޮއްޓަކީ އޭގެ ޒާތުގައި ކާނާ ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ބެހެއްޓޭ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާ އެއްޗެކެވެ.
ފޮނިތޮށި ދެއްތޯ މުރަނގަފަތޯ ކައްޓަލަފަތާއި ކުންނާފަތޯ މި ތަކެތީގެ ވާހަކަވެސް ހޯދާލަދީ އަދި ބަނބުކެޔޮ ގަހުގެ މޯޅިޔޯ ނުވަތަ ތޫރިޔޯ