ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލާ މެދު އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މިއީ ދައުލަތުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމުގައިވާ ރަށްތަކާއި ފަޅުތައް ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ.
މި ބަހުސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ، ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައީސަކަށް ގައުމުގެ ހުރިހާ ފަޅުރަށްތަކެއް ދޫކޮށްލުމުގެ ފުރިހަމަ އިހްތިޔާރު އޮވެގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުގައި ވަކި ހުދޫދުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށާއި، ރާއްޖޭގެ ވަކި އިންސައްތައެއްގެ ރަށްތަކާއި ފަޅުތައް ދޫނުކުރެވޭ ގޮތަށް ހިފަހައްޓަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވި ގޮތުގައި، މިހާރުވެސް މާލެ އަތޮޅާއި ކައިރި އަތޮޅުތަކުގެ ފަޅުތައް ހުސްވަމުންދާއިރު، މުޅި ރާއްޖޭގެ ރަށްތަކުގެ ބާރު އެކަކުގެ އަތްމައްޗަށް ދިނުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެކެވެ. މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، މީގެ ކުރިން ރަށްތައް ދޫކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި މި ބިލުން ފެންނަނީ ހުރިހާ ބާރެއް ރައީސަށް ޖަމާކޮށްފައިވާ މަންޒަރު ކަމަށެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގައިވާ ގޮތުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާއީ އަދި ދައުލަތުގެ އެކި ބޭނުންތަކަށެވެ.
ކުލީގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ރޭޓުތައް:
- ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް: އަކަމީޓަރަކަށް 3 ރުފިޔާ (ރަށްރަށާއި ފަޅުތަކަށް)
- މަސްވެރިކަމާއި ދަނޑުވެރިކަމަށް: އަކަމީޓަރަކަށް 2.50 ރުފިޔާ (ރަށްރަށަށް)
- އިޖުތިމާއީ ބޭނުންތަކަށް: އަކަމީޓަރަކަށް 2 ރުފިޔާ (ރަށްރަށަށް)
- މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކަށް: އަކަމީޓަރަކަށް 50 ލާރި
މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ހިފޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީ-ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!