މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިރިއުޅޭނެ ތަނެއް ހަމަޖައްސާފައިވާ ފުލުހުންނަށް ލިވިން އެލަވަންސް ނުލިބޭގޮތަށް ހަމަޖައްސައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާ އޮފިސަރުންނަށް ލިވިން އެލަވަންސް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އެފަދަ ފުލުހުންނަށް ލިވިން އެލަވަންސް ނުދޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ސޮއި ކުރައްވައި މިއަދު ވަނީ އެކަމާ ގުޅޭ އެންގުމެއް އަންގަވާފަ އެވެ.
އެ އެންގުމުގައި ވަނީ އަގު ދައްކައި މިލްކުވާ ގޮތަށް ފްލެޓާއި އެޕާޓްމެންޓް ހަމަޖައްސައިދީފައިވާ ފުލުހުންނަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިވިން އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށެވެ.
އެ ނިންމުން ނިންމީ އެއީ އެގޮތަށް ލިބިފައި ހުންނަ ތަންތަނުގެ އަގު ހަމަ ކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ފައިސާ ކަމަށް ބަލައި، އެފަދަ ފުލުހުންނަށް ލިވިން އެލަވަންސް ދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ލަފާ ދީފައިވާތީ ކަމަށް ސީޕީގެ އެންގުމުގައިވެ އެވެ.
ސީޕީގެ އެންގުމުގައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޑެސްކް ވަޒީފާތައް އަދާކުރާ މީހުންނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް އަންނަ އަހަރުން ފެށިގެން ކޮއްތު އެލަވަންސް ނުދޭނެ ކަމަށެވެ.
އެފަދަ ފުލުހުންގެ ކެއުމުގެ ކަންކަން ފުލުހުންގެ އިދާރާގެ މެސް ރޫމްތަކުން ހަމަޖައްސާނެ ކަމަށް އެ އެންގުމުގައިވެ އެވެ.