ފުވައްމުލަކުގައި ކުރިން އަރައި ފައިބަން ބޭނުންކުރި ނެރެއް ޓެޓްރާޕޮޑް ގާ ބޭނުންކޮށްގެން ބަންދުކުރަން ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގެން ބޮޑު ރަސްމިއްޔާތެއް މިއަދު ހަވީރު ބާއްވައިފި އެވެ.
ރަށުގައި ކުރިން އަރައިފޭބުމަށް ބޭނުންކުރި ނެރުތަކުގެ ތެރެއިން "މާނޭރެ ނެރު" ބަންދުކުރުމަށް ޓެޓްރާޕޮޑް ގަލެއް ބޭއްވުމުގެ ރަސްމިއްޔާތަށް ރަށުގެ ކަމުވޮށިގެންވާ މީހުން ވެސް އެތަނަށް ގެންދިޔަ އެވެ. އެ ރަސްމިއްޔާތު ބޭއްވިއިރު މިރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ތޮށިލުމާއި އާ އިންޖީނު ގެ އެޅުމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމާއި މި ސަރުކާރުން ހަދަން ފެށި މަގުތަކުގެ މަސައްކަތާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން ފަދަ މުހިންމު ބައެއް ޕްރޮޖެކްޓްތައް ނުނިމިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ނެރު ބަންދުކުރުމުގެ ރަސްމިއްޔާތު ބަލަން އެތަނަށް ދިޔަ ބައެއް މީހުން ބުނީ މި ސަރުކާރަށް މުހިންމު ވަނީ މިކަހަލަ ކުދިކުދި މަޝްރޫއުތައް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައްޔިތުންނަށް މުހިންމުވާ ކިތަންމެ ކުޑަކަމެއްވިޔަސް މި ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ ކަމަށެވެ.
ނައިބު ރައީސް ފައިސަލްގެ އުފަން ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އަޑު އަހަން މި ސަރުކާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ތައްޔާރު ކަމަށް ވިދާޅުވި އެވެ. މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ހުރިހާ ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި އެގޮތުން ޚިދުމަތްތަކުގެ ފަސޭހަކަން ލިބެން ޖެހޭނީ މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިއަދު ފެންނަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުން ހަރުދަނާ ވެގެންދާއިރު ސަރުކާރުން ހުރިހާ ރައްޔިތުންނާއި ހަމައަށް ޚިދުމަތްތައް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށް ފާހަގަކުރެއްވި އެވެ. އެގޮތުން ތައުލީމީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކްލާސްރޫމްތައް އެޅުމާއި އައު ސްކޫލްތައް އެޅުމާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމާއި، މިހެންގޮސް ތަފާތު އެކި މަސައްކަތްތައް މުޅި ރާއްޖެއިން މިއަދު ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފަ އެވެ. ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިރަށުގައި މިދިޔަ ޖަނަވަރީ މަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލިދިއުމާ ގުޅިގެން މިރަށުގެ ރައްޔިތުންގެ އެދުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތުމުންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރުގެ ތެރޭގައި ހިމެނިގެންނެވެ.
މި ރަސްމިއްޔާތުގައި ވަނީ ލަފާފުރުމާއި ނެރު ބޭނުންކުރުމުގައި ހިނގާފައިވާ މިފަދަ އެހެނިހެން ހާދިސާތަކުގައި ފުރާނަ ގެއްލި ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެ އެވެ.
މި ރަސްމިއްޔާތައްފަހު ނައިބު ރައީސް ވަނީ ފުވައްމުލަކުގައި ކުރިޔަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ނައިބު ރައީސް ފައިސަލް މިހާރު ފުވައްމުލަކާއި އައްޑުއާއި ފަށްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ހަހަހަހަ. މިކަހަލަ ރަސްމިއްޔާތު ބާއްވަން ލަދެއް ވެސް ނުގަނޭ ދޯ