މޫނުގައި ބިހި ނަގައި ކުރަކި ވުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އެގޮތުން އަވީގައި މާ ގިނައިރު އުޅުމުން، ވިޓަމިނެއް މަދުވުމުން، ރަނގަޅު ކާނާ ނުކެވުން އަދި ނިދި ހަމަނުވުން ފަދަ ސަބަބުތަކާ ހުރެ މޫނެށް ބަދަލު އަންނަ އިރު ގޭގައި ހުރެގެން މޫނުގެ ރީތިކަން އިތުރު ކބޭނުން ކުރެވިދާނެ އެއްޗެހި ހުރެ އެވެ.

ރީނދޫ

ރީނދުލަކީ ހަމުގެ އުޖާލާކަށް އިތުރުކޮށް، ބިހި ނެގުމުން ދުރުކޮށްދޭ މާއްދާ އެކެވެ. ދެ ސަމުސާ ރީނދުލަށް ކުޑަ ކިރު ކޮޅެއް އެޅުމަށްފަހު މޫނުގައި ހާކާށެވެ. އަދި 10 މިނެޓް ފަހުން ދޮވެލާށެވެ. ހަފްތާއަކު ދެ ފަހަރު ބޭނުން ކުރުމުން މޫނުގެ ކުލަ އަލިވެ ރީތިވާނެ އެވެ.

ލުނބޯ

މިއީ ރީތިވުމަށް ތައްޔާރުކޮށްފައި ހުންނަ ގިނަ ޕްރޮޑަކްޓްސް ތަކުގައި އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެވެ. ލުނބޯ ދިޔަ ކޮޅެއް ކަފަކޮޅެއްގައި ހޭކުމަށްފަހު މޫނުގައި ހުރި ބިހިތަކާއި ލައްތަކުގައި އުނގުޅާށެވެ. އަދި 15-10 މިނެޓް ފަހުން ދޮވެލާށެވެ. ލުނބޯ ހޭކުން ރަނގަޅީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އެވެ.

އެލޯވެރާ

އެލޯވެރާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ގޭތެރޭގައި އުފެދޭ ނުސާފު ވައި ސާފުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ހުރި ބޭނުންތަކެއް ހިފޭ ގަހެކެވެ. އެލޯވެރާ ފަތެއް ފަޅިކޮއްލުމަށްފަހު އޭގައި އެކުލެވޭ ޖެލް މޫނުގައި އުގުޅައި އިނގިލީގެ ކުރިން މަސާޖް ކޮށްލާށެވެ. ހަފްތާއަކު ދެފަހަރު އެލޯވެރާ އުނގުޅުމުން ތަފާތު ފެނިގެންދާނެ އެވެ.