ބިސްކޯދު ޕެކެޓުތަކުގެ 40 ޕަސެންޓް ޕެކެޓުތަކުގައި ޖަހާފައިވާ ނިއުޓްރިޝަން ލޭބަލްއަކީ ނުބައި މައުލޫމާތާއެކު ޖަހާފައިވާ ލޭބަލްތަކެއް ކަމަށް ވެސް އެ ކައުންސިލުން ބުނި. އެ ދިރާސާގައި ނަން އާއްމުކޮށްފައިވާ ހަޕް ސެންގް ކްރީމް ކޭކަރު އުފައްދާ ކާރުހާނާއަކީ އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ސިއްހީ ރައްކާތެރިކަމާ ބެހޭ އާއްމު އުސޫލުތަކުގެ ސެޓްފިކެޓް ލިބިފައިވާ ތަނެއް ކަމަށް ބުނޭ.

ކުއަލަ ލަމްޕޫރު (25 އޮކްޓޯބަރު) - މެލޭޝިއާގައި އުފައްދަމުން އަންނަ ބައެއް ބްރޭންޑްތަކުގެ ކްރީމް ކޭކަރު ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވޭ ކަމަށް ހޮންގް ކޮންގްގައި ހެދި ދިރާސާއަކުން ދައްކާފައިވާތީ މެލޭޝިއާއިން އެކަން ތަހުލީލު ކުރަން ފަށައިފި އެވެ.

ހޮންގް ކޮންގްގެ ކޮންޒިއުމާ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުލީލު ކުރި 60 އަށްވުރެ ގިނަ ބިސްކޯދު ޕެކެޓުގައި ގްލައިސިޑޯލްއާއި އެކްރިލަމިޑް ފަދަ ކެންސަރަށް މަގުފަހި ކުރުވާ މާއްދާތައް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ބިސްކޯދު ޕެކެޓުތަކުގެ 40 ޕަސެންޓް ޕެކެޓުތަކުގައި ޖަހާފައިވާ ނިއުޓްރިޝަން ލޭބަލްއަކީ ނުބައި މައުލޫމާތާއެކު ޖަހާފައިވާ ލޭބަލްތަކެއް ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

މެލޭޝިއާގެ ފުޑަ ސޭޕްޓީ އެންޑް ކޮލިޓީ ޑިވިޒަން އިން ބުނީ އެ ދިރާސާގައި ނަން އާއްމުކޮށްފައިވާ ހަޕް ސެންގް ކްރީމް ކޭކަރު އުފައްދާ ކާރުހާނާއަކީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ސިއްހީ ރައްކާތެރިކަމާ ބެހޭ އާއްމު އުސޫލުތަކުގެ ސެޓްފިކެޓް ލިބިފައިވާ ތަނެއް ކަމަށެވެ. އެއާއެކު ތަނުގެ ހާލަތު އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އެ ޑިވިޒަނުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ހަޕް ސެންގްއިން ބުނީ އެ ކުންފުނިން އުފައްދާ ސްޕެޝަލް ކްރީމް ކޭކަރު ބިސްކޯދަކީ އިންސާނުންނަށް ރައްކާތެރި އަދި މެލޭޝިއާގެ އާއްމު ސިއްހީ އުސޫލުތަކަށް ފެތޭ ބިސްކޯދެއް ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ އިދާރާތަކުން ކުރިއަށް ގެންދާ ތަހުލީލުތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ރާއްޖޭގެ ގިނަ ފިހާރަތަކަކުން އާއްމުކޮށް ލިބެން ހުންނަ ހަޕް ސެންގް ބިސްކޯދަކީ މެލޭޝިއާގެ އެންމެ މަގުބޫލު ބިސްކޯދެވެ. – ދަ ސްޓްރެއިޓް ޓައިމްސް