ތެހެރާން (07 އޮކްޓޯބަރު) - ކުޅިވަރުގެ އާލާތްތައް ވިއްކާ އެމެރިކާގެ މަޝްހޫރު ވިޔަފާރިއެއް ކަަމަށްވާ ނައިކީ އިން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އެކުންފުނީގެ ޕްރޮޑަކްޓްތައް ރީޓެއިލްކުރުން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނައިކީ އިން ބުނީ މި ނިންމުން ނިންމާފައިވަނީ އެ ކުންފުނީގެ އާ މާކެޓިން ސްޓްރެޓެޖީގެ ދަށުން ކަމަށެވެ. އެގޮތުން ރީޓެއިލް ފިހާރަތަކުން އެކުންފުނީގެ ޕްރޮޑަކްޓްތައް ގަތުމުގެ ބަދަލުގައި ސީދާ އެކުންފުނީގެ ވެބްސައިޓުން ގަންނަން ބާރު އެޅުމަކީ މި ނިންމުމުގެ މައިގަނޑު ސަބަބުކަމަށް އެ ކުންފުނިން ބުންޏެވެ.
މި އާ ގަވާއިދަށް 2020 ވަނަ އަހަރުގެ މޭ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާއިރު މި ބަދަލުތަކަށް ހޭނުމަށް ނައިކީ އިން އިޒުރޭލުގެ ރީޓެއިލް ފިހާރާތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
ނައިކީ އިން ގަބޫލު ކުރާގޮތުގައި ރީޓެއިލް ވިޔަފާރިތައް މެދުވެރިކޮށް އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުމުގެ ބަދަލުގައި ސީދާ އެކުންފުނިން ޑިސްޓްރިބިއުޓް ކޮންގެން ވިޔަފާރި ކުރުމުން ލިބޭފައިދާ ބޮޑުވާނެ އެވެ.
ނަމަވެސް އިޒުރޭލުގައި ނައިކީ ގެ ޕްރޮޑަކްޓްތައް ވިއްކާ ރީޓެއިލް ފިހާރަތަކުން ވަނީ މި ނިންމުމަކީ އެ ކުންފުނީގެ ފައިދާ އިތުރުވުމުގެ ބަދަލުގައި ގިނަ ގެއްލުންތަކެއް ލިބޭނެ ނިންމުމެއް ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ދުނިޔޭގެ މަޝަހޫރު އައިސްކްރީމް ބްރޭންޑެއް ކަމަށްވާ ބެން އެންްޑް ޖެރީ އިން ވެސް ވަނީ އެ ކުންފުނިން އިޒުރޭލުގައި ކުރަމުންއައި ވިޔަފާރި ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. – އަލް އަރަބިއްޔާ