ތުރުކީގެ އިސްތަންބޫލްގެ މަގުތަކުން ދަތުރުކުރާއިރު އެންމެ ފުރަތަމަވެސް ނޭފަތުގައި ޖެހޭނީ ތާޒާކޮށް "ގްރައުންޑް" ކޮށްފައިވާ ކޮފީގެ މީރު ވަހެވެ.
ތުރުކީގައި ކޮފީއަކީ ހަމައެކަނި ވަރުބަލިކަން ފިލުވާލަން ބޯލާ އާދައިގެ ބުއިމެއް ނޫނެވެ. އެއީ 500 އަހަރަށްވުރެ ދިގު ތާރީހެއް އޮތް، އިޖުތިމާއީ ބަދަ ހިކަމާއި، މެހުމާންދާރީގެ އިތުރުން ސަގާފީ ފުން މާނަތަކެއް އެކުލެވޭ ރަމްޒެކެވެ.
ޔުނެސްކޯގެ އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް ލިސްޓުގައިވެސް ހިމެނޭ ތުރުކީގެ ކޮފީ ސަގާފަތަކީ އުސްމާނީ ހިލާފަތުގެ ދުވަސްވަރުން ފެށިގެން އައިސްފައިވާ ހާއްސަ އާދަކާދަ އެކެވެ.
ޔަމަނުން އުސްމާނީ ހިލާފަތަށް އަދި އިސްތަންބޫލަށް
ތުރުކީ ކޮފީގެ ތާރީހު ފެށިގެން އަންނަނީ 15 ވަނަ ގަރުނުގައި ޔަމަނުގެ ސޫފީންގެ ތެރެއިންނެވެ. އެބޭކަލުން ރޭގަނޑުގެ އަޅުކަމުގައި ހޭލައި ތިބުމަށްޓަކައި ކޮފީ ބޭނުންކުރި އެވެ.
1538 ވަނަ އަހަރު ސުލްތާން ސުލައިމާން (ސުލައިމާން ދަ މެގްނިފިސެންޓް)ގެ ވެރިކަމުގައި ޔަމަން އުސްމާނީ ހިލާފަތުގެ ދަށަށް ދިއުމާއެކު، އިސްތަންބޫލަށް ކޮފީ ތައާރަފްވި އެވެ.
1550ގެ އަހަރުތަކުގެ ތެރޭގައި އިސްތަންބޫލްގައި ފުރަތަމަ ކޮފީ ހައުސްތައް ހުޅުވުނެވެ. މި ތަންތަން ވެގެންދިޔައީ ހަމައެކަނި ކޮފީ ބޯ ތަންތަނުގެ ބަދަލުގައި، ޝާއިރުންނާއި، ސިޔާސީ މީހުންނާއި އެނޫން ވެސް މުހިއްމު ޝަހްސިއްޔަތުން އެއްވެ ހިޔާލު ބަދަލުކުރާ، އަދި ނޫސްތަކާއި ވާހަކަތައް އަޑުއަހާ އިޖުތިމާއީ މަރުކަޒު ތަކަށެވެ.
މީގެ ސަބަބުން ބައެއް ވެރިން ކޮފީ ހައުސްތަކާމެދު ޝައްކުކޮށް، ސިޔާސީ އިދިކޮޅު ހަރަކާތްތައް ހިންގަފާނެތީ ކޮފީ މަނާ ކުރަންވެސް މަސައްކަތްކުރި އެވެ.
ތައްޔާރު ކުރުމުގެ ހާއްސަ އާދަކާދަ
ތުރުކީ ކޮފީ އެހެން ކޮފީތަކާ ތަފާތުވަނީ އެ ތައްޔާރުކުރާ ހާއްސަ ގޮތުންނެވެ. ވަރަށް އޮމާންކޮށް ކުނޑިކޮށްފައިވާ ކޮފީ، ފެނާއި ހަކުރާއެކު ކައްކަނީ "ޖެޒްވޭ" ކިޔާ ލޯތަށްޓެއްގަ އެވެ. މަޑު ގިނީގައި ކައްކައިގެން އުފައްދާ މި ކޮފީގެ މަތީގައި އޮލަ ފޮނު ފަށަލައެއް ހުރެ އެވެ.
ކޮފީއާއެކު އަބަދު ވެސް ކުޑަ ފެންތައްޓަކާއި "ލޮކުމް" (ޓާކިޝް ޑިލައިޓް) އަރުވަ އެވެ. ފެން ތަށީގެ ބޭނުމަކީ ކޮފީ ބުއިމުގެ ކުރިން އަނގަ ސާފު ކޮށްލުމެވެ.
ކޮފީ ބޮއި ނިމުމުން، ތަށީގެ ފުލުގައި ހުންނަ ކޮފީ ކުނޑިތަކުގެ ސިފައަށް ބަލައިގެން "ފާލު ބެލުން" ނުވަތަ މުސްތަގުބަލުގައި ވެދާނެ ގޮތްތައް ބުނެދިނުމަކީ ވެސް މަޖާ ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ސަގާފީ އާދަ އެކެވެ.
ކައިވެނީގެ ހަފްލާތަކުގައި ކޮފީގެ ދައުރު
ތުރުކީގެ ކައިވެނީގެ ސަގާފަތުގައި ވެސް ކޮފީއަށް ބޮޑު ސަމާލު ކަމެއް ދެއެވެ. ކައިވެނި ކުރަން އުޅޭ ފިރިހެން ކުއްޖާގެ އާއިލާ އަންހެން ކުއްޖާގެ ގެއަށް ޒިޔާރަތް ކުރުމުން އަންހެން ކުއްޖާ އެ އެންމެންނަށް ކޮފީ ތައްޔާރު ކޮށްދޭން ޖެހެ އެވެ. މިއީ އޭނާގެ ކެއްކުމުގެ ހުނަރު ވަޒަންކުރާ ކަމެކެވެ.
މީގެ އިތުރުން، އަންހެން ކުއްޖާ ފިރިހެން ކުއްޖާގެ ކޮފީ ތައްޓަށް ހަކުރުގެ ބަދަލުގައި ލޮނު އަޅައިގެން ދިނުމަކީ ސަގާފީ އިމްތިހާނެކެވެ. ފިރިހެން ކުއްޖާ އެ ލޮނު ކޮފީ ނުރުހުމެއް ނުދައްކާ ބޯލައިފިނަމަ، އެއީ އޭނާއަކީ ކެތްތެރި، އަދި އަންހެން ކުއްޖާއަށް އިހުތިރާމްކުރާ އަހުލާގު ރަނގަޅު މީހެއްގެ ރަމްޒެކެވެ.
ތުރުކީ ކޮފީ މުޅި ދުނިޔެއަށް!
އުސްމާނީ ހިލާފަތުގެ ތެރެއިން ވިލާތަށް ކޮފީ ތައާރަފް ވެގެންދިޔަ އެވެ. 1652 ވަނަ އަހަރު ލަންޑަންގައި ފުރަތަމަ ކޮފީހައުސް ހުޅުވުނީ ތުރުކީގެ އިޒްމީރުން ދިޔަ ވިޔަފާރިވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން ވިއެނާ އަދި ޕެރިހަށްވެސް މި ސަގާފަތް ފެތުރުނެވެ.
މިއަދު ޒަމާނީ އެސްޕްރެސޯ އަދި ކެޕަޗީނޯގެ މަގުބޫލުކަން ބޮޑުވި ނަމަވެސް، އިސްތަންބޫލްގެ ތާރީހީ ކެފޭތަކުންނާއި ގޭގޭގައި ތުރުކީ ކޮފީގެ މުއްސަނދި ސަގާފަތް އަދިވެސް އަންނަނީ ދިރުވަމުންނެވެ.
އެއީ ހަމައެކަނި ބުއިމެއް ނޫނެވެ. އެއީ މާޒީއާއި މުސްތަގުބަލު ގުޅުވާލަދޭ، އަދި މީހުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކޮށްދޭ ހާއްސަ އާދަކާދަ އެކެވެ. ކޮންމެ ތަށްޓަކުން ބުނެދެނީ އެތައް ސަތޭކަ އަހަރެއް ވީ ސަގާފަތުގެ ވާހަތަ ތަކެވެ.
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
ހަސީނާގެ ތަގުރީރުގައި އިންޑިއާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފި