ކަޅު ކޮފީއަކީ އަހަރުމެންގެ މެދުގައި އާއްމު ބުއިމެކެވެ. ދޭތެރަކުން މިލްކް ކޮފީއެއްގެ އަޑު އިވިދާނެ އެވެ. ޕަކެޓު ކޮފީއަކީ އެއް އިރެއްގެ އެންމެ މަގުބޫލު ހޮވުން ނަމަވެސް އެޒަމާން ފާއިތުވެ ހިނގައްޖެ އެވެ. ކޮފީގެ އެކި ވައްތަރުތައް އައިސް ގޮސް ވާއިރު މިފަހަރު މިއޮތީ ކޮފީ އާއިލާއަށް މުޅިން އާ މެމްބަރެކެވެ.
ގްރީން ކޮފީއަކީ މިއަދު ވައިގައި ހިފަމުން އަންނަ ކޮފީގެ ބާވަތެކެވެ. ގްރީން ޓީގެ ވާހަކަ އަޑު އިވިފައި އޮތް ނަމަވެސް ގްރީން ކޮފީއަކީ އަހަރުމެންގެ ކަންފަތަށް އާ ނަމެކެވެ. އެހެން ނަމަވެސް މިއީ ސިއްހަތަށް ނުހަނު ފައިދާހުރި ކޮންމެހެން އޭގެ އަޖުމަ ބަލާލަން ޖެހޭ ބުއިމެކެވެ.
ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ގްރީން ކޮފީއަކީ އަހަރުމެން އާދަވެފައިވާ ކަޅުކޮފީއަށްވުރެ ހާސްބައި ތަފާތު ބުއިމައް ކަމެވެ. އެހެން ކަމުން ކަޅުކޮފީގައި ދޭ ވަރުގަދަ ހިތި ރަހަ ގްރީން ކޮފީއަކުން ނުދޭނެ އެވެ. އޭގެ ބަދަލުގައި ގްރީން ކޮފީގެ ރަހަ އެންމެ ގާތް ކުރާނީ ހާބަލް ޓީއެއްގެ ރަހައާ އެވެ.
ގްރީން ކޮފީއިން ލިބޭ ސިއްހީ ފައިދާތަކަށް ބަލާލާއިރު ގްރީން ކޮފީ ބީންސްގައި ހިމެނޭ ކްލޮރޮޖެނިކް އެސިޑްގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސް ކޮށްދެ އެވެ. އެހެން ކަމުން އެއީ ބަރުދަން ލުއި ކުރަން މަސައްކަތް ކުރާނަމަ އަސަރު ހުރި ބުއިމަކަށްވާނެ އެވެ. މީގެ އިތުރުން އެއީ ލޭގެ ހަކުރުގެ މިންވަރާއި ކޮލެސްޓްރޯލް ވެސް ދަށް ކޮށްދިނުމަށް އެހީވެދޭ ބުއިމެކެވެ.
ކަޅު ކޮފީއެކޭ އެއްފަދައިން ގްރީން ކޮފީއަކީވެސް ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ ބުއިމެކެވެ. މެދު މިންވަރަކަށް ކެފެއިން ބޭނުން ކުރުމަކީ ސިއްހަތަށް އެންމެ ރަނގަޅު ކަމެއް ނަމަވެސް ގިނަ އަދަދަކަށް ކެފެއިން ބޭނުން ކުރުމަކީ އެންޒައިޓީއާއި ނިދުމުގެ އުނދަގޫތައް ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެހެން ކަމުން ގްރީން ޓީ ބުއިމުގައި ވެސް މެދުމިން ގެންގުޅުން މުހިއްމެވެ.
ގްރީން ކޮފީއަކީ މިހާރު މަގުބޫލު ވަމުން އަންނަ ބުއިމަކަށް ވާއިރު މިއީ އަޖުމަ ބަލާލުން ރަނގަޅު، ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ސިއްހަތަށް ފައިދާ ކުރާނެ ބުއިމެކެވެ.
ޢާ ނަމެއް ނޫން މަމެން ތިޔަ ވާހަކަ އަހައިފިން މީގެ 15 ވަރަކަށް އަހަރު ކުރިން. ޢޮންލައިންކޮށް ވިއްކަންވެސް ހުރޭ.