ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެމްޑީޕީއަށް ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ސިޔާސީ އެއް މުއައްސަސާ ކަމަށް ވާތީ އެ މަޖިލީހުގެ އެހީތެރިކަމާ އެކު ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެންމެ އަވަހަށް ކުރިމަތިލާން އޮތް އެންމެ ބޮޑު އިމްތިހާނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށެވެ. އަދި ދައުރުގެ މެދު ތެރެއިން ކުރިމަތިލާން ޖެހޭ އެއްވެސް އިންތިހާބަކީ ފަސޭހަ އިންތިހާބެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން ވެސް ރައީސް ނަޝީދު ވަނީ ވާހަކަދައްކަވައިފަ އެވެ.
ނަޝީދު ވިދާޅުވީ ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުއައްސަސާތަކުން ނަގާފައިވާ ދަރަނި ދައްކަން އުނދަގޫވެގެން ނޫޅޭ ކަމަށެވެ. އުނދަގޫ ވެގެން އުޅެނީ، އުފެއްދި ދަރަަންޏާއި އެއްވަަރަށް ހަރު މުދަލާ އުފެއްދިފައި ނުވާތީ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ދޭތެރޭގައި ދަރަނި ނަގައި އިގްތިސާދީ ހަރަކާތްތައް ހިންގި އިރު އެކަމުން އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށެވެ. އަދި، ދަރަނި ގުނާ މިންވަރަށް ވެސް އާމްދަނީއެއް ލިބިފައި ނުވާ ކަމަށާއި މިއީ އެ މުއްދަތުގެ ތެރޭގައި އެއްވެސް ބަލާލުމެއް ނެތި ކަންކަން ކުރުމުގެ ސަބަބުން އާހިރުގައި ނިކުތް ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިހްތިސާދުގެ މުގުލުގައި ރައީސުލްޖުމްހޫރިއްޔާ [ސޯލިހް] ހުންނަވައިގެން އަދި ފިނޭންސް މިނިސްޓަރ [އިބްރާހިމް އަމީރު] ހިންގުމުގައި އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑު ހަމަ ގައިމު ވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނުހަނު ބޮޑަށް ބަލައިގަންނަ މަސައްކަތެއް،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިގްތިސާދު ދަށަށް ގޮސްފައިވާ ހާލަތުގެ ސަބަބުން ދައުލަތުގެ ދަރަނިތައް ކުޑަ ކުރުމަކީ ދަތި ކަމެއް ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީ އެއްވެސް ސަރުކާރެއްގައި ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވިޔަސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަން ލިބިގެން ސަރުކާރަށް ދިވެހި ރައްޔިތުންނަށް ހިމާޔަތް ދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މި ޕާޓީގެ ގައުމީ މަޖިލީހަކީ މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައިވާ އެމްޑީޕީގެ ގޮފިތަކާއި އާންމު މެންބަރުންނާއި ގުޅިލާމެހިފައިވާ މަޖިލީހެއް، ކޮންމެ އާއިލާއެއްގެ ތެރޭގައި ވަމުންދާ ގޮތް ސާފުކޮށް އެނގޭނެ. ތި ބޭފުޅުންގެ އެހީތެރިކަމާ އެކީގައި [އެމްޑީޕީގެ] މި އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނެ." ނަޝީދު ވިދާޅުވި އެވެ.