ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކިން ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ހެކިބަސް ގަބޫލުކުރެވޭނެ ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވަކީލުންގެ ޓީމުން ބުނެފި އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާކުރިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެ ދެމެހެއްޓުމުން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ޝަރީއަތުގައި މިއަދު ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންނާމެދުގައި ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަރާތްތަކުގެ ހެކި ބަސް ގަބޫލު ނުކުރެއްވުމަށް ވެސް ވަކީލުން ވަނީ ޝަރީއަތުގައި އެދިފަ އެވެ.
މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް އިއްވަމުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމަށް ޔާމީންގެ ފަރާތުން ބުނާ މުއައްވިޒުގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ދެކޭ ސަބަބުތައް ބަޔާންކޮށްފަ އެވެ.
ޔާމީންގެ ފަރާތުން ބުނާ ގޮތުގައި އަދީބާއި ޒިޔަތަކީ ހަމަ މި މައްސަލައިގައި ކުށް ސާބިތުވެފައިވާ، ހެކިބަސް ބަލައިނުގަނެވޭނެ ފާސިގުންނެވެ. އެ މީހުންގެ ހެކިބަހަށް ބާރުދޭ ހެކިތަކެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ. އަދީބާއި ޒިޔަތަކީ ކުށުގެ ބައިވެރިން ކަމަށް ބުނެ އެއް މައްސަލައެއްގައި ބަޔަކު އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ނުދެވޭނެ ވެސް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ. އަދި ހެކިބަސް ދިނުމުގެ ބަދަލުގައި ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް ދައުލަތުން އަދީބާއި ޒިޔަތާ އެކު އިއުތިރާފު އެއްބަސްވުން ހަދާފައިވުމަކީ ވެސް އެ މީހުން ޔާމީނާ ދެކޮޅަށް ދިން ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް އެ ފަރާތުން ގަބޫލުކުރާ ސަބަބެކެވެ.
ތަހުގީގާއި ޝަރީއަތް ފަރުމާކޮށްގެން ދަށު ކޯޓުގައި ގެންދިޔައީ ރައީސް ޔާމީން "ފްރޭމް" ކުރެވޭނެ ގޮތަކަށްކަން ފާހަގަ ކުރައްވާ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، މުޅި ޝަރީއަތް ހިންގީ އަދީބާއި ޒިޔަތުގެ ހެކި ބަހުގެ މައްޗަށެވެ. މި ދެ ބޭފުޅުންނަކީ ޚިޔާނާތަށް އިއުތިރާފްވެވަޑައިގެން ތިއްބެވި "ފާސިގުން" ކަމަށް ވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، އަދީބަކީ ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު ބޮޑު ޚިޔާނާތެއް ހިންގައިގެން ހަމަ އެ ވެރިކަމުގައި ދައުވާ އުފުލައިގެން ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅަކަށް ވާތީ އެ ކަމުގެ ބަދަލު ހިފުމުގެ ރޫޚު އޮވެދާނެ ކަމަށް ބެލެވޭ ބޭފުޅެއް ކަމަށާއި އަދި އޭނާއަކީ މި ދަނޑިވަޅުގައި ޔާމީންގެ އެންމެ ބޮޑު އެއް ދުޝްމަނެވެ. އަދީބާއި ޒިޔަތަކީ "ފާސިގުން" ކަން ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި ކަން ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރައްވައިފާވެ އެވެ.
ޔާމީންގެ އެންގެވުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅު ރަށްރަށް ކުއްޔަށް ދީފައިވާނެ ކަމަށާއި އެއިން ލިބޭ ފައިސާ ޔާމީން އެންގެވި ގޮތަކަށް ބޭފުޅުންނަށް ބެއްސެވި ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެ ކަމަށް ބާރު ލިބޭނެ އިތުރު ހެއްކެއް ދެއްކިފައި ނުވާ ކަންވެސް ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން އޯޑިއޯ، ވީޑިއޯ، ކޯލް ރިކޯޑިން، ޑިޖިޓަލް ހެކި، ނޫނީ އެފަދަ ވާހަކައެއް ދެކެވެނިކޮށް އަޑު އިވުނު ބޭފުޅަކު ނެތް ކަން ދިފާއީ ވަކީލުން ވިދާޅުވި އެވެ.
ފާހަގަ ކޮށްލެވޭގޮތުގައި، އިސްތިއުނާފް ޝަރީއަތް ނިމެންދެން ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން ރައީސް ޔާމީން ވަނީ ސުޕްރީމްގައި އެދިވަޑައިގެންފަ އެވެ. ދެ ދުވަސް ފަހުން، މިކަމުގައި ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
މިއަދުގެެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ކަމަށް ވިިދާޅުވެފަ އެވެ.