މިދިޔަ ހަފުތާގައި ވެނެޒުއޭލާއަށް އައި ނުރައްކާތެރި ދެ ބިންހެލުމާ ގުޅިގެން ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ކުޑަކުއްޖަކު ސަލާމަތްކޮށްފި އެވެ. މިއީ ބިންހެލުމަށް ހަ ދުވަސް ވީފަހުން މީހަކު ސަލާމަތްކުރެވުނު ކަމަށް ރިޕޯޓްކުރެވުނު ފުރަތަމަ ފަހަރެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ޓެލެގްރާމް މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، ލަ ގުއައިރާ ސްޓޭޓްގެ "ލޮސް ކޮރަލްސް ގާޑަން 1" އިމާރާތުގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ކްލީބާ މޮރާން ނަމަކަށް ކިޔާ މި ކުއްޖާ ސަލާމަތްކޮށްފައިވަނީ އުރުދުންގެ ރެސްކިއު ޓީމުންނެވެ.
ވޭތުވެދިޔަ ބުދަދުވަހު ވެނެޒުއޭލާއަށް އެއް މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ރިކްޓާ މިންގަނޑުން 7.2 އާއި 7.5 ގެ ބާރުމިނުގައި އައި ދެ ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާހަމަވެ، އެތައް ހާސް ބަޔަކު ވަނީ ކުނިބުނިތަކުގެ ދަށުގައި ތާށިވެފަ އެވެ.
ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ ސަލާމަތްކޮށްފައިވަނީ 3 އަހަރުގެ ކުއްޖެއް ކަމަށެވެ. ކުއްޖާ ސަލާމަތްކުރުމަށްފަހު ވަނީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ޖޯޖް ރޮޑްރިގޭޒް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިމާރާތްތަކުގެ ދަށުން މީހުން ދިރިހުއްޓާ ފެންނާނެ ކަމުގެ އުންމީދު ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ފަތިހު ސަލާމަތްކުރި ކުއްޖާއަށް މިހާރު ކަރަކަސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މީގެ އިތުރުން، އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވި ގޮތުގައި، ޔުނިސެފްގެ ފަރާތުން ފޮނުވި 47 މެޓްރިކް ޓަނުގެ އިންސާނީ އެހީގެ ސާމާނު އަންގާރަ ދުވަހު ވަނީ ވެނެޒުއޭލާއަށް ފޯރާފަ އެވެ. މި ތަކެތީގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ކުޑަކުދިންނަށް ބޮޑެތި އެހީތަކެއް ލިބިގެންދާނެ އެވެ.
މި އެހީގެ ތެރޭގައި ކުއްލި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި، ރައްކާތެރިކަމާއެކު ވިހެއުމަށް ބޭނުންވާ ތަކެއްޗާއި، ތުއްތު ކުދިންނަށް ބޭނުންވާ ފަރުވާއާއި، ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު ސާމާނު ހިމެނޭ ކަމަށް ޑުޖާރިކް އިތުރަށް ވިދާޅުވި އެވެ.
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ