ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. މާއުނގޫދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފި އެވެ.
މިއަދު ރައީސް ސޯލިހު މާއުނގޫދޫއަށް ވަޑައިގަތުމުން އެރަށުން ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނު އަވަހަށް މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފަ އެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލި ސަޕޯޓަރުން ތިބީ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި އެރަށުގައި ތަރައްގީގެ މަޝްރޫއުތައް އިއުލާނު ކުރުން ފިޔަވައި އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިގޭ އިތުރުން ށ. ފުނަދޫއަށް އިއްޔެ ރައީސް ސޯލިހު ވަޑައިގަތުމުން ވެސް އެރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.
ފުނަދޫގެ ރައްޔިތުން ވެސް ވަނީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާފަ އެވެ. އަދި ރައީސް ޔާމީނަށް މިސަރުކާރުން ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށް ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ.
ރައީސް ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށްތަކުން އެހާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ. މިދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރުމުގެ ބަދަލުގައި ރައީސް ބައްދަލުކުރީ ކައުންސިލުންގެ މެމްބަރުންނާއި ވަކި ބަޔަކާ އެވެ.
މީގެ ކުރިން ރައީސަކު ރަށަކަށް ވަޑައިގަތަށް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އެއްވެސް ރަށެއްގެ ރައްޔިތުންނާ ބައްދަކުކޮށްފައެއް ނުވެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުންގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.