އެޕަލް ކުންފުނީގެ އުފެއްދުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ އިންޑިއާގެ ޓާޓާ އިލެކްޓްރޯނިކްސްގެ ސިސްޓަމްތަކުން ވަގަށް ނަގާފައިވާ މައުލޫމާތުތަކުގެ ތެރޭގައި، މިއަހަރު ނެރެން ހަމަޖެހިފައިވާ އެޕަލް އައިފޯން 18 ޕްރޯގެ ބައިތަކާއި، އެ ތަކެތި އުފައްދާ ކުންފުނިތަކުގެ ލިސްޓުގެ އިތުރުން ފޯނުގެ ފޮޓޯތައް ހިމެނޭކަން ހާމަވެއްޖެ އެވެ.
ޑާކް ވެބްގައި އާންމުކޮށްފައިވާ މި މައުލޫމާތުތަކަކީ ރެންސަމްވެއާ ގްރޫޕަކުން ހޯދާފައިވާ މައުލޫމާތުތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
މި މައުލޫމާތުތައް ލީކުވުމަކީ އެޕަލްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސަޕްލަޔަރުން މެދުވެރިކޮށް އައިފޯން އުފެއްދުމަށް ކުރާ މަސައްކަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން އެޕަލްއާއި ޓާޓާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެޕަލްއަކީ އެ ކުންފުނީގެ ސަޕްލަޔަރުންގެ މައުލޫމާތު ވަރަށް ސިއްރުކޮށް ގެންގުޅޭ ކުންފުންޏަކަށް ވެފައި، މި މައުލޫމާތުތައް ހާމަވުމުން ވާދަވެރި ކުންފުނިތަކަށާއި ނަކަލު އުފައްދާ ފަރާތްތަކަށް ފޯނުގެ އެތެރޭގެ އޮނިގަނޑާއި ބައިތައް އުފައްދާ ފަރާތްތައް އެނގިގެންދާނެތީ އެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏަކީ ޗައިނާގެ ބޭރުން އެޕަލްގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. މިއީ އިންޑިއާއަކީ އިލެކްޓްރޯނިކްސް އުފެއްދުމުގެ މަރުކަޒަކަށް ހެއްދެވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ މަސައްކަތުގެ މުހިންމު ބައެކެވެ.
އެޕަލްއިން އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް މިއަހަރުގެ ސެޕްޓެމްބަރު މަހު ނެރުމަށް ތައްޔާރުވަމުންދާއިރު، މި ލީކު ކުރިމަތިވީ އެޕަލްއަށް ދަތި ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފުތާގައި މެމޮރީ ޗިޕްތަކުގެ އަގު އުފުލުމާ ގުޅިގެން އެޕަލްއިން ވަނީ އައިޕެޑް އަދި މެކްބުކްގެ އަގުތައް ބޮޑުކޮށްފަ އެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި އައިފޯނުގެ އަގުތައް ވެސް ބޮޑުވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.
"ވޯލްޑް ލީކްސް" ކިޔާ ގްރޫޕަކުން ޑާކް ވެބްގައި އާންމުކުރި 200,000 އަށްވުރެ ގިނަ ފައިލްތަކުގެ ތެރޭގައި ކުރީގެ އައިފޯން މޮޑެލްތަކުގެ ޑިޒައިންތަކާއި، ޓެސްލާ ކުންފުނީގެ ބައެއް މައުލޫމާތުތައް ވެސް ހިމެނޭ ކަމަށް ރޮއިޓާސްއިން ކުރިން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ޓީއެސްއެމްސީ އަދި ކުއަލްކޮމް ފަދަ އައިފޯނުގެ ބައިތައް އުފައްދާ މުހިންމު ކުންފުނިތަކުގެ ލިޔެކިޔުންތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
އަލަށް ފެނުނު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އައިފޯން 18 ޕްރޯގެ މައި ސާކިޓް ބޯޑުގައި ހިމެނޭ ޗިޕްތަކާއި، ބެޓެރި އަދި ކެމެރާގެ ބައިތައް އުފައްދާ ވަކިވަކި ކުންފުނިތަކުގެ ތަފްސީލު ހާމަވެފައިވެ އެވެ. މިއީ އަދި ބާޒާރަށް ނެރެފައިނުވާ މޮޑެލްތަކަކަށް ވާތީ، މި މައުލޫމާތުތައް ހާމަވުމަކީ އެޕަލްއިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
މި ލިޔެކިޔުންތަކުން އެޕަލްއިން ބައެއް ތަކެތި ހޯދުމުގައި ބަރޯސާވާ މިންވަރު ވެސް ހާމަވެގެންދެ އެވެ. ބައެއް ބައިތައް ގިނަ ސަޕްލަޔަރުން އަތުން ހޯދާއިރު، ބައެއް މުހިންމު ބައިތަކަށް މަދު ސަޕްލަޔަރުންތަކަކަށް ބަރޯސާވާކަން މި ލިޔުންތަކުން އެނގެ އެވެ.
މިކަމާ ގުޅޭގޮތުން އެޕަލް އަދި ޓާޓާ ކުންފުނިން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެޕަލްއިން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، ޓާޓާއިން އެ ކުންފުނީގެ ސިސްޓަމްތަކަށް ވަދެވޭ މިންވަރު ހަނިކޮށް، ފޮރެންސިކް އޮޑިޓެއް ހެދުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓުން އައްޔަންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީކުވި ފޮޓޯތަކާ ބެހޭ ތަފްސީލު
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ސިއްރު" ނުވަތަ "ކޮންފިޑެންޝިއަލް" މާކް ޖަހާފައިވާ ފޮޓޯތަކެއް ހިމެނެ އެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތާރީހު ޖަހާފައިވާ، ޓާޓާގެ ފެކްޓްރީއެއްގައި އައިފޯން 18 ޕްރޯ "ޑްރޮޕް ޓެސްޓް" ކުރާ ފޮޓޯތަކެއް ހިމެނެ އެވެ. މި ފޮޓޯތަކުން ފެންނަނީ އަޅި ކުލައިގެ، ފަހަތުގައި ތިން ކެމެރާ އިންނަ، އެޕަލް ލޯގޯ ޖަހާފައިވާ ފޯނެކެވެ.
މި ހާދިސާއަކީ އެޕަލްއާއި ޓާޓާގެ ގުޅުމަށް ލިބުނު ބޮޑު ލޮޅުމެކެވެ. ޗައިނާއިން ބޭރުގައި އައިފޯން އުފެއްދުން އިތުރުކުރުމަށް އެޕަލްއިން ކުރާ މަސައްކަތުގައި އިންޑިއާއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި އުފައްދާ އައިފޯނުގެ 26 އިންސައްތަ އުފައްދާނީ އިންޑިއާގަ އެވެ.
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި