ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ފަޅުރަށް ރަށާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
މި ދެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު މަޖިލީހަށް ހުށައަޅާފައިވަނީ މި ދެ ގާނޫނު އޮތް ގޮތުން ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ސަބަބުން ގާނޫނީ ފުށުއެރުންތަކެއް ދިމާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ފަޅުރަށްރަށް ބެހޭ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ އެފަރާތް ފަރާތުން ވަކިކުރާނަމަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެރަށެއް ނުވަތަ ސީޓީއެއް ނިސްބަތްވާ ކައުންސިލަކަށް ބާރުލިބެ އެވެ.
މި އިސްލާހު ގެނައުމުން، ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކުގެ ތެރެއިން ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދެ އެވެ.
މީގެ އިތުރުން ކުއްޔަށް ހިފާ ފަރާތަކުން ތިންވަނަ ފަރާތަކަށް ރަށް ދޫކުރުމާއި އެކަމުގައި އަމަލުކުރަންވީ ގޮތް މިއިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް 10.1ގެ (ހ) ގެ ގޮތުގައި މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް އިތުރު ކުރުމަށެވެ. އަދި 10.1 ގެ (ށ)ގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް ބުނާ އިސްލާހެވެ.
މީގެ އިތުރުން ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށް ވެސް އިސްލާހުގައި ވެއެވެ. އެގޮތުން އިތުރުކުރަން ހުށަހަޅާފައިވާ ދެ އަކުރަކީ، (ރ)، "ރަށު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށް ކަމަށް ބުނާ އަކުރުގެ އިތުރުން (ބ)، "ސިޓީ ކައުންސިލު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލަށް ކަމަށް ބުނާ އަކުރެވެ.
މިބިލަށް ޚިޔާލު ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަވާއިރު، މެއިލް މެދުވެރިކޮށްވެސް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށްވެސް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ފުރަތަމަ ދުވަހެވެ.