ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކުވެއިތްގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އެ މަސައްކަތް ހަވާލުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އަލްޖެރީ ހޯލްޑިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ އެ ސްކޫލް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަދެއެވެ.
އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ އެ ސްކޫލުގައި އަރަބި ބަސް ވެސް ކިޔަވައިދޭނެއެވެ.
އެ ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ ދިރާސީ އަހަރު ފެށޭއިރު ސްކޫލްގެ ފުރަތަމަ ފިޔަވަހީގައި ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އަލްޖެރީ ހޯލްޑިން ގްރޫޕުން ބުންޏެވެ. އަދި ދެވަނަ ފިޔަވަހީގައިގައި 2023ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށޭނެއެވެ.
ގާތްގަނޑަކަށް 1200 ދަރިވަރުންނަށް އެ ސްކޫލްގައި ކިޔެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަލްޖެރީ ހޯލްޑިން ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގަމުންނެވެ.