ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ފިލައިގެން އުޅެނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ މިހާރު އުފުލާފައިވާ ދައުވާއަކާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް މިއަދު ނޫސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަނިކޮށެވެ.
އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.
މިދިޔަ ހަފުތާގައި އަލީ ވަހީދުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރާއި އެއްމަސް ދުވަހު، އަލީ ވަހީދުގެ މައްޗަށް ހިންގުނު ޖިނާއީ ތަހުގީގައި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުންވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމްކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދު ހައްޔަރުކުރިއިރު، ކޯޓުން ޕާސްޕޯޓް ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކުރީކޮޅު ކުއްލިގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތުމާ ގުޅިގެން ޝަރީއަތް އޮންލައިންކޮށް ބައިވެރިވަމުން އައި ނަމަވެސް ކޯޓަށް ހާޒިރުވާން އެންގެމުން ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ. އަލީ ވަހީދަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އަލީގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.