މޯލްޑިވިއަނުން ޑީއެޗްސީ- 6 ޓްވިން އޮޓާ ކްލަސިކް 300- ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓާ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގް އެވެ. މި ދެ ބޯޓު ގަތް އަގެއް އަދި އެ ދެ ބޯޓު ގެންނާނެ ދުވަހެއް ވެސް މޯލްޑިވިއަނުން ނުބުނެ އެވެ.

ޓްވިން އޮޓާ ބޯޓުތަކަކީ ފާއިތުވި 10 ވަރަކަށް އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ޓޫރިސްޓުން އުފުލި އުޅަނދުތަކެވެ. މި ބޯޓުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޓުތައް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑި ހެވިލަންޑް ކުންފުނީގެ އޭޝިއާ ޕެސިފިކް އަދި މިޑުލް އީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގް ވިދާޅުވީ ރާއްޖޭގައި ޓްވިން އޮޓާ މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން މީހުންގެ ދިރިއުޅުމަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. މި އެއާކްރާފްޓް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ޕައިލެޓުންނާއި އަދި އިންޖީނިއަރުންގެ ޚިޔާލަށް ބެލުމަށްފަހު ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތަކާއެކު، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، އާ މަންޒިލްތަކަށް ދަތުރުކުރުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަން އިން ބުނިގޮތުގައި މި ބޯޓުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތައް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުސަތު ލިބި، އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

އެ ކުންފުނީގައި މިހާރު ވެސް 11 ޓްވިން އޮޓާ މަތިންދާބޯޓު ބޭނުން ކުރެ އެވެ.