ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޗިޅިޔާ މޫސާ މަނިކު ނިޔާވީ މިރޭގެ ވަގުތެއްގަ އެވެ.

ދިވެހި ފިލްމީ ދާއިރާއިން ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރުއެވެ.

އޭނާ ވަނީ 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އަދާކޮށްފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯދާފައިވެއެވެ.

މިރޮނގުން އޭނާ އެންމެ ފަހުން ހާސިލު ކުރި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.