ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ފުލުހުން ބުނީ ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އަބޫ ޖަހުލަށް ހެދިގޮތަށް ހަދަންޖެހިދާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެން ރ.އަތޮޅު މީދޫން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް ނަޝީދު މިވަގުތު ވެސް ހުންނެވީ މެއި ހަވަނަ ދުވަހު އެމަނިކުފާނަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގަ އެވެ.
ރައީސް ނަޝީދު ވަނީ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވާ ކަމަށް ވިދާޅުވެ، މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ރައީސް ނަޝީދު އެ ސިޓީގައި ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި، އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.