ފާހަނާ ސާފުކުރާ އެކި ފާޑުފާޑުގެ ކެމިކަލްގެ އުފެއްދުންތައް ބާޒާރުގައި ވިއްކަން ހުރެ އެވެ.
ފާހަނާ ސާފުކުރަން ގިނަ މީހުން ބޭނުން ކުރަނީ ބުލީޗް ނޫނީ ކޮންމެވެސް ކަހަލަ ކެމިކަލްއެކެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ނޭވާލާން އުދަގޫވެ، ބައެއް ކަހަލަ ގެއްލުންތަކުގެ އިތުރުން ފާހަނާ ރީތިނުވުމަކީ އަދި ލިބޭ މާ ބޮޑު ދެރައެކެވެ. ފާހަނާ ސާފުކުރުމަށް ކެމިކަލްގެ ހިމެނޭ އެއްޗެހި ލައިގެން ދޮވުމުން އޮފްކަން ވެސް ގެއްލިގެންދެ އެވެ.
ފާހަނާ ސާފުކުރުމަށް ވަރަށް ވެސް ފަސޭހަ އަގުހެޔޮ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް އެބަހުއްޓެވެ.
ފާހާނާ ވަރަށް ރީތިކޮށް ބޭކިން ސޯޑާއާއި ވިނިގަ ބޭނުން ކޮށްގެން ސާފު ކޮށްލެވިދާނެ އެވެ.
އެންމެ ފުރަތަމަ އެއް ޖޯޑު ވިނިގަ ފާހާނާ ތައްޓައް އެޅުމަށްފަހު ބުރުހުން މުޅި ތަށީގައި އުގުޅާލުމަށްފަހު މިނެޓެއް ވަންދެން ބަހައްޓާލާށެވެ. ދެން އެއް ޖޯޑުގެ ބޭކިން ސޯޑާއާ ދެ ޖޯޑުގެ ވިނިގާ ތައްޓައް އަޅާލާށެވެ. މީގެ ސަބަބުން ފޮނުއަރާ ގޮތް ވާނެ އެވެ. ދިހަވަރަކަށް މިނެޓް ބަހައްޓާލުމަށްފަހު އަނެއްކާވެސް ބުރުހުން ހަޑިވެފައި ހުރި ތަންތަން އުގުޅާލުމަށް ފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. 30 މިނެޓްވަންދެން ބެހެއްޓުމަށްފަހު ބުރުހުން ރަގަޅަށް އުގުޅާލާފައި ފްލަޝް ކޮށްލާށެވެ.
ފާހަނައަކީ އެންމެ ބޮޑަށް ސާފު ތާހިރުކޮށް ބެހެއްޓުމަށް ގިނަ ބަޔަކު ބޭނުންވާ އެއް ތަނަށް ވާއިރު މިގޮތަށް ފާހާނާ ސާފުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ތިމާގެ ސިއްހަތަށް ވެސް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބި މިގޮތަށް ފާހާނާ ސާފުކޮށްލެވިގެންދާނެ އެވެ.
ގޭ ތެރެއާއި ފާހާނާ އަދި ބަދިގެތެރެ ވެސް ސާފުކުރާއިރު ތިމާގެ ސިއްހަތަށް ގެއްލުންނުވާ ބާއްވަތްތައް ބޭނުންކުރުން އާދަ ކުރަމާތޯ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ބާއްވަތްތައް ވެސް ބޭނުން ކުރަމާތޯ އެވެ.