މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގިތާ މިއަދާ ހަތް އަހަރުވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމާނެ ތާރީހެއް ދިނުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފި އެވެ.
ރިލްވާންގެ އާއިލާ އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދި މޯލްޑިވްސް އަދި ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރިލްވާން ގެއްލުނުތާ ހަތް އަހަރުވެގެން ދިޔައިރު ވެސް އެމައްސަލަ ރަނގަޅަށް ތަހުގީގު ކުރެވިފައިނުވާ ކަމަށާއި ރިޟުވާނަށް ވީގޮތެއް ދިވެހި ދައުލަތައް ހޯދިފައި ނުވާ ކަމަށެވެ.
އަދި މިމައްސަލާގައި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ފާޅުކަން ބޮޑު މައްސަލަތަކާއެކު ކަން ފާހަގަކުރަމުން އެބަޔާނުގައި ބުނެފައި ވަނީ 2018 ވަނަ އަހރު އެމީހުން ދޫކޮށްލުމަށް ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭވަރަށް ހެކި ހުށައަޅާފައިނެތް ކަމަށާއި، ފުލުހުން ހިންގާފައިވާ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގައި މައްސަލަތަކެއް ހުރިކަމަށާއި، ގާނޫނީ ގޮތުން ދައުލަތުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި، އަދި ކޯޓަށް ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމަށް އައީ ރިލްވާން މައްސަލާގައި އިންސާފު ހޯދައިދިނުމަށް ވައުދުވަމުން ކަމަށާއި އެހެން ނަމަވެސް މިމައްސަލަ ބެލުމަށް ކޮމިޝަނެއް ހެދުން ފިޔަވައި އިތުރު ކަމެއް ކުރެވިފައި ނުވާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ކޮމިޝަނުން ތަހުގީގުކުރުމަށް ހަވާލުވެފައިވާ އެއްވެސް މައްސަލައެއްގައި މިހާތަނަށް މީހެއްގެ މައްޗަށް ޖިނާޢީ ދަޢްވާއެއް ކުރުމަށް ފޮނުވާފައިނުވާ ކަން ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
ރިލްވާނުގެ އާއިލާގެ ފަރާތުން ދިވެހި ސަރުކާރަށް ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމަށް ވަކި ތާރީހެއް ސާފުކޮށް އެނގޭ ގޮތަށް ކަނޑައެޅުމަށާއި ރިލްވާން ވަގަށް ނެގުމުގެ މައްސަލަ އިސްތިއުނާފުކުރުމުގައި، މަރުކޮމިޝަނާއި، ފުލުހުންގެ އިދާރާއާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން އެހެނިހެން އިދާރާތަކުގެ މެދުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމުގައާއި އެކަމުގައި ބައިވެރިވީ ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ، މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށާއި ރިލްވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އަދި އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ގޮވާލާފަ އެވެ.