މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވައިފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިއަދު ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މިތަހުގީގުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުން ކުރެއްވި މަސައްކަތަށް ވަނީ ސީޕީ ހަމީދު ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ މޭ މަހުގެ ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މައްޗަށް ދައުވާ ކުރުމަށް ފޮނުއްވި ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
މީގެ އިތުރުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގާއި ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ.
މިމައްސަލައިގައި އެންމެ ފަހުން ދައުވާ ކުރަން ފޮނުވާފައިވަނީ ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށެވެ.
ފުލުހުން މީގެ ކުރިން ބުނީ ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.